ޚަބަރު

މައްކާއަށް ގޮސް، ޙައްޖު މިޝަނާއި ކޯޕަރޭޝަންގެ މަސައްކަތްތައް ފަށައިިފި


  • މިޝަންއިން އިދާރާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ކުރިއަށްދާނެ

  • ހޮޓަލުގެ އެންމެހާ އިންތިޒާމްތަކުގެ މަސައްކަތް ކޯޕަރޭޝަނުން ވަނީ ފަށާފައި

  • ޙައްޖުވެރިން ހައްޖަށް ފުރަން ފަށާނީ މިމަހު 15އިން ފެށިގެން

މިދިޔަ ދެ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފަވަނީ، މައްކާގެ އަލްބަލަދް އަލްޠައްޔިބް އަޖްޔާދް ހޮޓަލުގައެވެ.

ރާއްޖެއިން ދަތުރުކުރާ އެންމެހާ ޙާޖީންނާއި އެހީތެރިންވެސް މަޑުކުރާނީ، އެއް ހޮޓަލެއްގައެވެ.

ޙައްޖުގެ ފަހުގެ އިންތިޒާމްތަކަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަން އަދި ޙައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމުގެ މެންބަރުން މިހާރު މިވަނީ، ސައުދީއަށް ވަޑައިގެންފައެވެ.

އެގޮތުން އިދާރީ ރަސްމީ މަސައްކަތްތައް އަދި ޙައްޖުވެރިންގެ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމްތަކުގެ ކަންކަން މައްކާގައި މިވަނީ، ފަށާފައެވެ.

ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ މައި އޮފީސް، ޙައްޖު މިޝަންގެ މައްކާ އޮފީސް އަދި ކޯޕަރޭޝަންގެ އޮފީސްވެސް ހުންނާނީ، މި ހޮޓަލުގައެވެ.

މިޝަންގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިވަގުތު ކުރިއަށް ގެންދަނީ، ރަސްމީ އެކިއެކި އިދާރާތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކާއި، އިންތިޒާމުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދާރާތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކެވެ.

އަދި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހޮޓަލާއި މަޝާއިރުތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތްތައް ދަނީ، ކުރިއަށް ގެންދަމުންނެވެ. ތިބުމާއި، ކެއުމުގެ އިންތިޒާމްތަކާއި ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތްދޭ ކްލިނިކްވެސް ޤާއިމުކޮށްފަވަނީ މި ހޮޓަލުގައެވެ.

ރާއްޖޭގެ ޙާޖީންނަށް ސަޢުދީއިން ޚިދުމަތްދޭ މައި އެޖެންޓަކީ، ރާވަފް މިނާއެވެ. އެޑްވާންސް ޓީމް، އެއާޕޯޓުން ހޮޓަލަށް އައުމުގެ އިންތިޒާމްތަކާއި، ނުސުކް ކާޑު ހަވާލު ކުރުމުގެ ކަންކަންވެސް ވަރަށް ފުރިހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއިން ޙައްޖަށް އަންނަ މީހުން މައްކާއަށް އަންނަން ފަށާނީ، މިމަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން 15، 17، 18 އަދި 19 ވަނަ ދުވަހުން ފެށިގެން މައްކާއަށް ޙައްޖުގެ އަޅުކަމަށް އަންނަން ފަށާނެއެވެ.