ތައިލެންޑުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ކުކުޅު މަރުވުމާ ގުޅިގެން، ބޭރުގެ ބާޒާރުތަކަށް ބިސް އެކްސްޕޯޓްކުރާ މިންވަރު މަދުކުރުމަށް ތައިލެންޑް ސަރުކާރުން ކުންފުނިތަކަށް އިލްތިމާސްކޮށްފިއެވެ.
ތައިލެންޑަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ބިސް ލިބުމަށް ދަތިތަކާ ކުރިމަތިވެފައިވާތީ، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބިސް އެކްސްޕޯޓްކުރާ މިންވަރު 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރުމަށް އެ ގައުމުގެ އިގްތިސާދީ ވުޒާރާ ވަނީ ވިޔަފާރިތަކަށް އަންގާފައެވެ. ވެރިރަށް ބެންކޮކުގެ އިރުމަތީގައި އޮންނަ ޗަޗޮއެންގްސާއޯ އަވަށުގެ ދަނޑުތަކުގެ ފެންބޮޑުވުމުގެ ސަބަބުން ބިސް އަޅާ 3 މިލިއަނެއްހާ ކުކުޅު މަރުވެފައިވާ ކަމަށް، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް އިންޓާނަލް ޓްރޭޑްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޖިރަވުތު ސުވަންނާ-އާޖް ވިދާޅުވިއެވެ.
ބާޒާރުގައި ބިސް ލިބޭނެ މިންވަރު ދެމެހެއްޓުމަށްޓަކައި ފެންބޮޑުވުމުގެ އަސަރުކޮށްފައިނުވާ ސަރަޙައްދުތަކުން ބިސް ހޯދައި، ރީޓެއިލް ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މީގެ އިތުރުން، ބިސް އަޅާ ކުކުޅުގެ އުމުރު 80 ހަފުތާއިން 85 ހަފުތާއަށް އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ބިސް އުފައްދާ ފަރާތްތަކުންނާއި ބޮޑެތި ދަނޑުތަކުގެ ފާމް-ގޭޓް އަގު ބިހަކަށް 0.12 އެމެރިކާ ޑޮލަރު ގައި ހިފެހެއްޓުމަށްވެސް ވަނީ އެދިފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން ތައިލެންޑުގެ 51 އަވަށެއްގައި ފެންބޮޑުވެފައިވާއިރު، ވެރިރަށް ބެންކޮކް ހިމެނޭހެން މި ހާދިސާތަކުގައި މިހާތަނަށް 31 މީހުން ވަނީ މަރުވެފައެވެ. އެންމެ ތިން ދުވަސް ތެރޭގައި 12.6 އިންޗި ގެ ވާރޭ ވެހުމާ ގުޅިގެން، ވޭތުވެދިޔަ މަހުގެ ފަހުކޮޅު ބެންކޮކަކީ ކާރިސާގެ ސަރަޙައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިއީ އާންމު ގޮތެއްގައި މުޅި ސެޕްޓެމްބަރު މަހު އެ ސަރަޙައްދަށް ވާރޭވެހޭ ޖުމްލަ މިންވަރެވެ.
މައިގަނޑު ގޮތެއްގައި ސިންގަޕޫރާއި ހޮންކޮންގަށް ބިސް އެކްސްޕޯޓްކުރާ ތައިލެންޑުން ވޭތުވެދިޔަ އަހަރު ވަނީ 50.46 މިލިއަން އެމެރިކާ ޑޮލަރު ގެ ބިސް ބޭރުކޮށްފައެވެ. މީގެ ތެރެއިން 79 އިންސައްތަ ސިންގަޕޫރަށް އަދި 9 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ހޮންކޮންގަށެވެ. ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އޮކްޓޫބަރު 9 އިން 13 އަށް އެ ގައުމުގެ އިރުމަތީ އަދި މެދުތެރޭގެ ސަރަޙައްދުތަކަށާއި، ބެންކޮކާއި އޭގެ ކައިރި ސަރަޙައްދުތަކުގެ އިތުރުން ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހޭނެއެވެ.