ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދަޢުވަތަކަށް މި މަހުގެ 3ވަނަ ދުވަހު ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލައްވައި ސޯޝަލް މީޑިއާގައި ސްރީލަންކާ ބަހުން ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.
މި ދަތުރުފުޅުގައި ލަންކާގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރުން އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދައް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މި މަޝްވަރާތަކުގައި އެމަނިކުފާނަށް އިތުރު ހިތްވަރު ލިބިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
සාර්ථක රාජ්ය සංචාරයක් නිම කරමින් ශ්රී ලංකාවෙන් පිටත්ව යන මේ අවස්ථාවේදී, මාලදිවයින සහ ශ්රී ලංකාව අතර පවතින සමීප හා දිගුකාලීන සබඳතා තවදුරටත් ශක්තිමත් කිරීමට නව අධිෂ්ඨානයක් සමඟ මම පිටත්ව යමි.
— Dr Mohamed Muizzu (@MMuizzu) May 6, 2026
මට, මගේ බිරිඳට සහ මගේ දූත පිරිසට ලබාදුන් උණුසුම් ආගන්තුක සත්කාරය සහ මිත්රත්වය වෙනුවෙන්… pic.twitter.com/eaC2njI1OW
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ދެ ޤައުމުން ގުޅިގެން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އެކަންކަމުން ފައިދާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި ލަންކާގެ ރަހުމަތްތެރިކަމުގެ ޒަމާންވީ ގުޅުން އަބަދަށް ދެމިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ.