ދިވެހި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ޙައްގު މިންވަރު ހޯދައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމުގައި ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ދިވެހި ސިފައިންގެ ޚިދުމަތާއި ވަކިވަކި ސިފައިންގެ ތަރައްގީއަށް މިސަރުކާރުން ގިނަކަންކަން ރާވާފައިވާކަން މި ޖަލްސާގައި ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެވެސް ހިތުގައި އެންމެ ޝަރަފުވެރި މަޤާމު ދެވިފައިވާ އެއްބަޔަކީ ދިވެހި ސިފައިން ކަމަށާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށްދީ ދަމަހައްޓައިދިނުމުގައި ކުރާ މަސައްކަތުގެ އަގުވަޒަންކުރަންޖެހޭ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ސިފައިންގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެކި ދާއިރާތަކުން މަސައްކަތް ކުރައްވާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮމާންޑު ސެންޓަރުތައް ތަރައްގީ ކުރެވިގެންދާއިރު ސިފައިންގެ ޚިދުމަތުގައި އުޅޭ ކޮންމެ މީހަކަށްވެސް އެ މީހެއްގެ އާއިލާ ދިރިއުޅޭ ރަށަކާ އެންމެ ކައިރި ސެންޓަރެއްގައި ދާއިމީ ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ. މި މަސައްކަތަށް ސިފައިންގެ ފައުޖު ބޮޑުކުރަންޖެހޭ ކަމަށާއި އެކަމަށް ބަޖެޓު ކުރެވި މިހާރު މަސައްކަތް ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ބަދަލުތައްވެސް ގެންނަވާނެ ކަމަށެވެ.
"ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކީގައި ޚިދުމަތް ކުރަމުންދާ ސިފައިންގެ މީހުންނަށް އަދި ރޭންކުގައި ވަކި މުއްދަތެއްވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތްގަވާއިދުގެ ތެރެއިން ހަމަވާގޮތަށް އޮތްއޮތުން އެއީ ބަދަލުވާންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ ސިފައިންގެ ޚިދުމަތްކުރުމުގައި ދެމި ހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްތުކުރަން. އެގޮތަށް ބަދަލުކޮށްދޭނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ ސިފައިންގެ ރިޓަޔަމަންޓް ގަވާއިދަށްވެސް އިސްލާހު ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސެއްގެ އަސާސީ ޙައްގަކަށްވާއިރު ސިފައިންނަށް އެ ޙައްގު ކަށަވަރުކުރުމަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާ ފުރުސަތުތައް އިތުރުކުރައްވާނެ ކަމަށެވެ. އަދި ޚިދުމަތުގައި ތިބޭ ސިފައިން ދިރިއުޅޭ ބަނޑޭރި ކޮށި ސަރަހައްދުގައި ޒަމާނީ ހައުސިންގ މަޝްރޫޢެއް ހިންގުމަށްޓަކައި ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.
މީގެ އިތުރުން ގިރިފުށި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އުތުރާއި ދެކުނުގެ ޓްރެއިނިންގ ފެސިލިޓީތައްވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރު ޤައުމުތަކުންވެސް ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް ކުރައްވާނީ ދެމެހެއްޓެނިވިގޮތެއްގައި ކަމަށެވެ. އަދި ސިފައިންނާއި ސިފައިންގެ އާއުލާތަކަށް ޙައްގު މިންވަރު ހޯއްދަވައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއަކަށްވާއިރު އެ ޒިންމާ އަދާކުރެއްވުމަށް ކުރައްވާ މަސައްކަތުގައި ކާމިޔާބީ ހާސިލްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.