ޚަބަރު

"ކުޑަކުދިންނަށް ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ މުހިއްމު ސިޔާސަތެއް"


  • އެ ކުދިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުން މުހިއްމުކަން ފާހަގަކުރެއްވި

  • ކުޑަކުދިންނަށް އޯގާތެރިކަމާއި ލޯބި ނުހަނު ބޮޑަށް ބޭނުންވޭ

ކުޑަކުދިންނަށް ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމަށްކަން ވަނީ ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންނަށާއި، އެ ކުދިންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ. މިއަދަކީ ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކުދިންނަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާއެކު ޢަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އޯގާތެރިކަމާއި ލޯބި ނުހަނު ބޮޑަށް ބޭނުންވާކަމަށާއި ޢާއިލާގެ ތެރެއިންނާއި، ސްކޫލް މާޙައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ކޮންމެ ބޮޑު މީހެއްގެ ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ޤައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަޚްލާޤު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމަށާއި އެ ކުދިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުޞަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ކަށަވަރު ކުރަމުންދާކަމަށެވެ. އަދި އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ އޮންލައިން ދުނިޔޭގައި، އައު ނުރައްކާތަކެއް ކުޑަކުދިންނަށް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައެވެ. ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިޢާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އަައު ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއްކަމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޚިޠާބުގައި ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަކީވެސް ދުޅަހެޔޮ، އުފާވެރި އަދި ކާމިޔާބު ބައެއް ކަމުގައި ލެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި އެ ކުދިންނަށް ރައްކާތެރިކަމާއި ލޯބި ލިބޭނެ ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވުމަށާއި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި މި ކުދިންގެ ޙިއްޞާ ވަރަށް ފުރިހަމައަށް ލިބިގެންދާނެކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.