ޚަބަރު

ޒަރޫރީ މުދާ މެދުކެނޑުމެއް ނެތި އެތެރެކުރުމަށް ފައިސާ އެބަހުރި: ވަޒީރު ޒަރީރު


  • އެސްބީއާއިން ނަގާފައިވާ ޓީބިލްތަކަށްވާ 150 މިލިޔަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައި

ދުރާލާ ތައްޔާރުވުމުގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ދަރަނިތައް އަދާކުރުމުގެ ޒަރޫރީ ބޭނުންތަކަށް އެތެރެކުރަންޖެހޭ މުދާ އެތެރެކުރުމަށް ބޭރުފައިސާ ހުސްވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން، ދަރަނިތައް ޒިންމާދާރު ކަމާއެކު ރޭވުންތެރިކަމާއި އެކު ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ. މިކަން ކުރަނީ ދަރަނި އަދާކުރުމަށް ހާދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޤަވާއިދުން ފައިސާ ޖަމަޢުކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކާބޯތަކެއްޗާއި، އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި، އަދި ބޭސް އެތެރެކުރުމަށް ބޭނުންވާ ފައިސާ ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ދަރަނި އަދާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑީއާއިން މިދިޔަ ސަރުކާރުން ނަގާފައިވާ ޓްރެޝަރީ ބިލްތަކަށްވާ ފައިސާ އަނބުރާ ވަނީ ދައްކާފައެވެ. ކުރީ ސަރުކާރުން 3 ބަޔަށް ބަހާލައިގެން 2019 ވަނަ އަހަރު ނެގި ޓްރެޝަރީ ބިލްތަކުގެ ފަހު އިންސްޓޯލްމެންޓް ކަމުގައިވާ 50 މިލިޔަން ޑޮލަރު އަދާކޮށްފައިވަނީ މިއަދުއެވެ.