ޚަބަރު

އޭޝިއާ މީޑިއާ ސަމިޓަށް އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް ރާއްޖެއަށް


  • ޤައުމުތަކުގެ މަންދޫބުން މިހާރުވަނީ ރާއްޖެ އަންނަން ފަށާފައި

  • މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވޭ

  • އޭޝިއާ މީޑިއާ ސަމިޓްގެ ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާގައި

  • މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް ސުދްރުއެޓައި ލަރޓްކަސެމް ރާއްޖެވަޑައިގެންފިއެވެ.

އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިންނެވެ.

މިއަހަރުގެ ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް އަދި ތައިލެންޑް ސަރުކާރުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް، ޕީއާރުޑީގެ ޑިރެކްޓަރ ޖެނެރަލް ސުދްރުއެޓައި ލަރޓްކަސެމް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އޭއައިބީޑީގެ ސީއީއޯ ފިލޯމީނާ ގްނަޕްރަގަސަމެވެ.

އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސްގެ އިތުރުން މިފަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކާ އިންޑިއާގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ "ޕްރަސާރު ބާރަތީ"ގެ ސީއީއޯ ގޯރަވް ދިވެދީއާއި "ދަ ބޭ އޮފް ބޭންގާލް އިނިޝިއޭޓިވް ފޯރ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯރޕަރޭޝަން"، ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް އިންދްރާ މަނީ ޕާންޑޭވެސް ވަނީ ރާއްޖެވަޑައިގެންފައެވެ.

އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.

އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ސަމިޓުގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް މިހާރު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްތައް ކުރިއަށްދަނީ މެންހެންޓަން ބިޒްނަސް ހޮޓެލް، ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވިލާ ނޯޓިކާގައެވެ.

އޭޝިއާ މީޑީއާ ސަމިޓް ރަސްމީކޮށް ފަށާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.

މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ. މިއީ އޭޝިއާ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ސަރަޙައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.