ޚަބަރު

ޤާނޫނާ ޚިލާފުވެފައިވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި


  • ޤާނޫނާއި ގަވާއިދާ ޚިލާފުނުވާން އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައި

ޤާނޫނާ ޚިލާފުވެފައިވާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފަށް ފޮނުވި ސިޓީގައި ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރުކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މިހާރު ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އެ ޤާނޫނުތަކާއި ގަވާއިދުތަކާއި ތަކުރާރުކޮށް ޚިލާފުވެފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި މިކަމުގައި ނަސޭހަތްތެރިވެ، ކޮމިޝަނާ ބައްދަލުކުރުމުގެ ދައުވަތު ފޮނުވި ނަމަވެސް ސިޓީގެ ޖަވާބެއް ދީފައިވާ ނުވާ ކަމަށާއި ކޮމިޝަނާ ބައްދަލުކުރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާޢީދު ކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރަން ބަޔާންކޮށްފައިވާއިރު ޕީއެންއެފުން ތަކުރާރުކޮށް އެ މާއްދާއާ ޚިލާފުވެފައިވާތީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޤާނޫނާ ޚިލާފު އަމަލުތައް ނުހިންގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަމަލުތައް ތަކުރާރުވާނަމަ އެ އަމަލެއް ހިންގާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.