ޚަބަރު

ރައްޔިތުންނާއެކު ރައީސް ބާއްވަވާ ބައްދަލުވުންތައް އަލުން ފަށަނީ


  • ޖޫން މަހުން ފެށިގެން ރައްޔިތުންގެ ބައްދަލުވުންތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި

  • ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އެއްސެވުމަކީ އިސްކަންދެއްވާ ސިޔާސަތެއްކަމަށް ވިދާޅުވި

ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެމަނިކުފާނު ސިލްސިލާގޮތެއްގައި ބާއްވަވާ ބައްދަލުކުރެއްވުންތައް އަންނަ ޖޫންމަހު އަލުން ފެށުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއި، ވަކިވަކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެން ބައްދަލުވުންތައް ބާއްވަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން. އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް ޕްރޮފެޝަންތަކާ ވަކިވަކިން ބައްދަލުކުރަން ނިންމާފަައިވޭ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އެއްސެވުމަކީ އެމަނިކުފާނު އިސްކަންދެއްވާ ސިޔާސަތެއްކަމަށެވެ. އަދި މިގޮތަށް ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޮޑު ބާރަކަށް ވެގެންދާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޭނުންވަނީ ރައްޔިތުންނާ ގާތުން އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާގޮތަށް އެކަން ކުރިއަށްގެންދަން. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޔަޤީންކަމެއް ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންތައްތައް ގެންދިއުމުގައި އަދި ސީދާ އަޅުގަނޑާ ހަމައަށް ނައިސް ހުންނަ އެކިކަހަލަ ކަންތައްތައް ހުރޭ، އެކަންކަން ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވޭ އެކަން އެގޮތަށް ކުރުން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.