އިނގިރޭސި ޕްރިމިއާ ލިގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ރެލިގޭޝަނުގެ ބިރު ހީވެފައިވާ ޓޮޓްނަމް އަށް މި މެޗުން ތިން މޮޅުވެ ތިން ޕޮއިންޓު ލިބުނުނަމަ އެ ޓީމަށް އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގައި އޮތުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ނަމަވެސް މި ނަތީޖާ އާއިއެކު އެ ޓީމަށް އަދިވެސް ވަނީ ރެލިގޭޝަނުގެ ބިރު ބޮޑުވެފަ އެވެ.
ލީގުގައި ބާކީ 2 މެޗު ކުޅެން އޮތްއިރު ޓޮޓްނަމް ހޮޓްސްޕަރ އަށް މިހާރު ލިބިފައިވަނީ 38 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ އެވެ. ރެލިގޭޝަނުން ސަލާމަތް ވުމަށް ދެން އެ ޓީމާއި ވާދަކުރަމުންދާ ވެސްޓްހޭމް ޔުނައިޓެޑަށް ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓޮޓްނަމް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ މެތީސް ޓެލް ވަނީ ލަނޑެއް ޖަހާ ޓޮޓްނަމް އަށް ކުރި ހޯދަދީފަ އެވެ.
ލީޑްސް ޔުނައިޓެޑް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި މެތީސް ޓެލް ކުރި ފައުލަކާއި ގުޅިގެން ލީޑްސް އަށް ލިބުނު ޕެނަލްޓީ އަކުން ޑޮމިނިކް ކެލްވަޓް ލެވިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޓޮޓްނަމް އިން އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ މިހާރު ފޯމު ގެއްލިފައިވާ ޗެލްސީ އާއި ދެކޮޅަށެވެ.