ޚަބަރު

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ފަށައިފި


  • ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ ވަޒީރު އިޙްސާން

  • އޭއައިބީޑީއާ ގުޅިގެން މިފަހަރުގެ ސަމިޓް އިންތިޒާމްކުރަނީ ޕީއެސްއެމްއިން

  • ސަމިޓުގެ ތެރެއިން 8 ޕްލިނަރީ ސެޝަނެއް ކުރިއަށްދާނެ

ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް، އޭއެމްއެސް ރަސްމީކޮށް ފަށައިފިއެވެ.

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ.

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ޕީއެސްއެމްގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ އެކި ޤައުމުތަކުގެ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

މި ސަމިޓްގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން %80 އަކީ ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނެވެ.

އޭޝިއާ މީޑިއާ ސަމިޓުގެ ތެރެއިން މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ހައި ލެވެލް މިނިސްޓީރިއަލް ސެޝަނެއްވެސް ހިމެނެއެވެ. މި ސެޝަން ޚާއްސަކޮށްފައިވަނީ ޕަބްލިކް މީޑިއާއަށް މަގުފަހިކުރުމާއި އެކަމުގެ ސިޔާސަތުގެ މައްޗަށެވެ.

އިތުރު ސެޝަންތައް ޚާއްސަކޮށްފައިވާ މަޢުޟޫތަކުގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގެ މީޑީއާތަކަށް ހުރި ގޮންޖެހުންތަކާއި، ކުރިއަރަމުން އަންނަ ޑިޖިޓަލް މީޑިއާގެ ޒަމާނުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރާއި، އޭއައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން ހިމެނެއެވެ. އަދި މީޑިއާ ދާއިރާގެ މުސްތަޤުބަލަށް ޒުވާނުންގެ އަޑާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާ ހިއްސާކުރުމާއި، ސަމިޓުގައި ބައިވެރިވާ އެކި ޤައުމުތަކުގެ މީޑިއާ އެންޑް ބްރޯޑްކާސްޓަރުންގެ މެދުގައި ކޮންޓެންޓްތައް ޝޯވކޭސް ކުރުން ހިމެނެއެވެ.

ޕްލިނަރީ ސެޝަންތަކުގެ އިތުރުން ޚާއްސަ ގާލާ ޑިނާރއަކާއި ކަލްޗަރަލް ޝޯވއެއްގެ އިތުރުން އޭއައިބީޑީ އިންޓަރނޭޝަނަލް މީޑިއާ އެވޯޑްސް ދިނުންވެސް މި ސަމިޓުގެ ތެރެއިން ކުރިއަށްދާނެއެވެ.

މި ސަމިޓު ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.

އޭޝިޔާ މީޑިއާ ސަމިޓުގެ ތެރެއިން ޚާއްސަ ވޯކްޝޮޕްތަކެއްވެސް އިއްޔެ ވަނީ ފަށާފައެވެ. މިވޯކްޝޮޕްތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީ ޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަން ހިމެނެއެވެ. އަދި އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.

މި ސަމިޓަކީ އޭއައިބީޑީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަހަރީ ބައްދަލުވުމެކެވެ.

މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.

މިއީ އޭޝިއާ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ސަރަޙައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.