ޚަބަރު

"މީޑިއާގެ މުސްތަޤުބަލު ބިނާވެފައިވަނީ ގުޅިގެން ކުރާ މަސައްކަތާއި އިތުބާރަށް"


  • ނޫސްވެރިންނަކީ އެހީތެރިކަމާއި މަޢުލޫމާތު ފޯރުކޮށްދޭ ބައެއްކަމަށް ވިދާޅުވި

  • ކުރިމަތިވާ ތަކުލީފުތައް ތެދުވެރިކަމާއެކު ހާމަކޮށްދިނުމަކީ މީޑިއާގެ ޒިންމާއެއް ކަމަށް ވިދާޅުވި

މީޑިއާގެ މުސްތަޤުބަލު ބިނާވެފައިވަނީ މީޑިއާތަކުގެ މެދުގައި އޮންނަ ގުޅުމާއި އާންމުންގެ އިތުބާރުގެ މައްޗަށް ކަމަށް އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް ސުދްރުއެޓައި ލަރޓްކަސެމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭއައިބީޑީގެ ރައީސް އަދި ތައިލެންޑް ސަރުކާރުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް، ޕީއާރުޑީގެ ޑިރެކްޓަރ ސުދްރުއެޓައި ވިދާޅުވީ، މިއަހަރުގެ ސަމިޓަށް ކަނޑައަޅާފައިވާ ޝިއާރަކީ ހަމައެކަނި ސުރުޚީއެއް ނޫން ކަމަށާއި، އެއީ އެންމެން ގުޅިގެން ކުރިއަށްދާނެ މަގުޗާޓެއް ކަމަށެވެ. އަދި މީޑިއާގެ ވަސީލަތްތައް ބަދަލުވަމުން ދިޔަ ނަމަވެސް، އާންމުންގެ މަސްލަހަތު ހިމާޔަތްކުރުމަށް އޮތް އަސާސީ މަގްސަދު ބަދަލުނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އިންސާނީ ކާރިސާތަކަށް އަލިއަޅުވާލައްވަމުން ސުދްރުއެޓައި ވިދާޅުވީ، ނޫސްވެރިންނަކީ ހަމައެކަނި ކަންކަން ހިނގާގޮތް ބަލަން ތިބޭ ބައެއް ނޫން ކަމަށާއި، އެއީ އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި މިފަދަ ކާރިސާތަކުގައި އިންސާނުންނަށް ކުރިމަތިވާ ތަކުލީފުތައް ތެދުވެރިކަމާއެކު ދުނިޔެއަށް ހާމަކޮށްދިނުމަކީ މީޑިއާގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އޭއައިއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުދްރުއެޓައި ވިދާޅުވީ، އޭއައިގެ ސަބަބުން ކަންކަން އަވަސްވެ، ފަސޭހަވި ނަމަވެސް، މިއީ ދޮގު މައުލޫމާތު ފެތުރުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ވަސީލަތެއްވެސް ކަމަށެވެ. އަދި މިކަމަށް އިޝާރާތްކުރައްވާ މީޑިއާގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

"މީޑިއާގެ މުސްތަގުބަލު ކަނޑައެޅިގެންދާނީ އަޅުގަނޑުމެން ބޭނުންކުރާ ސޮފްޓްވެއާތަކުގެ މޮޅުކަމުންނެއް ނޫން. އޭގެ ބަދަލުގައި އެ މުސްތަގުބަލު ބިނާވެފައިވަނީ އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމުގެ ވަރުގަދަކަމާއި، އަޅުގަނޑުމެންގެ އޯޑިއަންސް ނުވަތަ ބެލުންތެރިންނާއި އަޑުއެހުންތެރިން އަޅުގަނޑުމެންނަށް ކުރާ އިތުބާރުގެ ފުންމިނުގެ މައްޗަށް،" ސުދްރުއެޓައި ވިދާޅުވިއެވެ.

އޭއައިބީޑީގެ އަމާޒަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ހަރަކާތްތެރި އިލެކްޓްރޯނިކް މީޑިއާގެ މާހައުލެއް ގާއިމުކުރުން ކަމަށް ވިދާޅުވެ، މެންބަރު ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށާއި އާ އީޖާދުތަކަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސުދްރުއެޓައި ދެއްވިއެވެ.

މީގެ އިތުރުން، މީޑީއާ ދައިރާގައި ޓެކްނޮލޮޖީގެ ދައުރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ދާއިރައެއްގައި މަޝްވަރާކޮށް މުހިންމު ނިންމެވުންތަކެއް ނިންމެވުމަށްވެސް އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް އަދި ތައިލެންޑް ސަރުކާރުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް، ޕީއާރުޑީގެ ޑިރެކްޓަރ ޖެނެރަލް ސުދްރުއެޓައި ލަރޓްކަސެމް ގޮވާލެއްވިއެވެ.