ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއެކު ޒިންމާދާރު ނޫސްވެރިކަމެއް މުހިންމު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެެވެ.
ޕަބްލިސް ސަރވިސް މީޑިއާއިން އިންތިޒާމުކޮށްގެން ބާއްވާ، އޭޝިއާ މީޑިއާ ސަމިޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ވަޒީރު ވަނީ ރާއްޖެއިން ފަންނިއްޔާތުގެ ދާއިރާއިން ހޯދާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިދާއިރާގައި ދުނިޔޭގެ އެއްވެސް ޤައުމަކަށް އެކަނި މަސައްކަތްކޮށްގެން ކުރިއެރުންތައް ހޯދިފައި ނުވާއިރު، ސަރަހައްދީ ގުޅުންތަކާއެކު އެކަކު އަނެކަކަށް އިތުބާރު ކުރަންޖެހޭ ކަމަށެވެ.
މިއަހަރުގެ ސަމިޓު ރާއްޖޭގައި ބާއްވާއިރު ސަމިޓުގެ ޝިޢާރު "މޯލްޑިވްސް 2.0 – ފްރޮމް ޓްރެޑިޝަން ޓު ޓެކް"އިންވެސް ސަރުކާރުގެ ވިސްނުން ހާމަވާ ކަމަށް ވިދާޅުވިއެވެ. ޤައުމަށް ޑިޖިޓަލް ބޮޑެތި ބަދަލުތައް ގެންނައިރު، އަމިއްލަވަންތަކަމާއި، ސަޤާފަތާއި ތަރިކަ ދަމަހައްޓަން ސަރުކާރުން ކުރާ މަސައްކަތުގެ ތަޞައްވުރު ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0 ތަޞައްވުރުން ހާސިލް ކުރަން ބޭނުންވާ ކަންކަންވެސް ހިއްސާކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ ޤުދުރަރީ މުއްސަނދިކަމެއްގެ އިތުރުން ޒަމާންވީ ސަޤާފަތާކާއި ތަރިކައެއް އޮތް ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިޙްސާން ވިދާޅުވީ، ޑިޖިޓަލް މިސްރާބަކަށް ސަރުކާގެ މަސައްކަތްތައް ބައްޓަން ކުރަމުންދާއިރު މި ސަޤާފާތުގެ މަތީގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިޖިޓަލް ބަދަލަކީ ސަގާފަތުގެ ބަދަލުގައި އެހެން އެއްޗެއް ގެނައުމެއް ނޫން. އޭގެ ބަދަލުގައި މިއީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ރަނގަޅުކޮށް، މުޖުތަމަޢުތައް ބާރުވެރިކޮށް، އަދި އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ހިމާޔަތްކުރަމުން އަންނަން އޮތް ޖީލުތަކަށް އައު ފުރުޞަތުތައް އުފައްދައިދިނުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މޯލްޑިވްސް 2.0 ގެންނަ ސަބަބުތަކަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިއީ ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލްކޮށް، މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން ހަރުދަނާކޮށް، އަދި ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެހެން، ދެފުށް ފެންނަ ނިޒާމެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ މި ބަދަލުތައް ގެންނަމުންދާއިރު ހަރުދަނާ މީޑިއާއެއްގެ ދައުރުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިއަދުގެ ޑިޖިޓަލް މާހައުލުގައި މީޑިއާއަކީ، ޓެކްނޮލޮޖީއާއި މުޖުތަމަޢު ގުޅުވައިދޭ ބައެއްކަމަށެވެ. ޒިންމާދާރު ނޫސްވެރިކަން މިއަދު މުހިންމުކަން ފާހަގަކުރައްވާ ދާޚިލީ ވަޒީރު ވިދާޅުވީ އޮޅުވާލުންތަކާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތަކީ ޓެކްނޮލޮޖީއާއި އީޖާދީ ބަދަލުތަކަށް ހުރަސްއެޅުން ކަމަށްވެގެން ނުވާނެ ކަމަށެވެ.
"މީގެ ޙައްލަކީ ޓެކްނޮލޮޖީ ދެކެ ބިރުގަތުމެއް ނޫން، ނުވަތަ އީޖާދީ ބަދަލުތަކަށް ހުރަސްއެޅުމެއްވެސް ނޫން. މީގެ ޙައްލަކީ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަން ވަރުގަދަކުރުމާއި، ޑިޖިޓަލް ދާއިރާއަށް ހޭލުންތެރިކުރުމާއި، ޒިންމާދާރުކަމާއެކު މުޢާމަލާތްކުރުމަށް ހިތްވަރުދިނުމާއި، އަދި އިތުބާރު ހުރި މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުން" ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
ޑިޖިޓަލް ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާއި ފުރުޞަތުތަކަކީ ހަމައެކަނި ޤައުމެއްގެ ބޯޑަރުގެ ތެރޭގައި އޮންނަ ކަންކަމެއް ނޫންކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އެހެންކަމުން ގުޅިގެން މަސައްކަތްކޮށްގެން، ސަރުކާރުތަކާއި، ބްރޯޑްކާސްޓަރުންނާއި، މީޑިއާ އިދާރާތަކާއި، އަދި ފަންނިއްޔާތުގެ ދާއިރާތަކުން ވަރުގަދަ ގުޅުންތަކެއް އުފައްދައި، މަޢުލޫމާތު ބަދަލުކޮށް، މުޖުތަމަޢަށް ފައިދާހުރި އީޖާދީ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
މިގުޅުންތައް ހަރުދަނާ ކުރުމަށް މީޑިއާ ސަމިޓް ފަދަ މަންސަތަކާއި އަދި އޭއައިބީޑީ ފަދަ ޖަމާޢަތްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.