ޚަބަރު

13 އަހަރަށްފަހު މޮރީނިއޯ އަނެއްކާވެސް ރެއާލް މެޑްރިޑަށް


ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ 13 އަހަރަށްފަހު އެ ޓީމުގެ ކޯޗު ކަމާއި ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ފާއިތުވެދިޔަ ދެ ސީޒަނުގައި ވާދަވެރި ބާސެލޯނާ އިން ވަނީ ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދާފަ އެވެ.

ސީޒަން ފެށިއިރު ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހަވާލުވެހުރި ޝަބީ އަލޮންސޯ މިދިޔަ ޖެނުއަރީ މަހު މަގާމުން ދުރުކޮށް އަލްވާރޯ އަބެލޮއާ ކޯޗު ކަމާއި ހަވާލުކުރި ނަމަވެސް އޭނާއަށް ވަނީ އެ ކްލަބަށް ކާމިޔާބީ ހޯދައިދެވޭ ގޮތް ނުވެފަ އެވެ. އަދި ފަހަކަށް އައިސް ޓީމު ތެރޭގައި ގިނަ މައްސަލަތަކެއް ޖެހި ބައެއް ކުޅުންތެރިންނާއި ކޯޗާއި ވާހަކަ ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށްވެސް ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

މިދިޔަ ސްޕެޓެމްބަރ މަހު ޕޯޗުގަލްގެ ބެންފީކާގެ ކޯޗު ކަމާއި މޮރީނިއޯ ހަވާލުވެފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނަމަވެސް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެ ކްލަބުގެ ކޯޗަކަށް ގެނައުމަށް މިވަގުތު މަޝްވަރާ ކުރަމުންދާ ހަމައެކަނި ފަރާތް ކަމުގައިވާ މޮރީނިއޯ ވަރަށް އަވަހަށް އެ ކްލަބުގެ ކޯޗު ކަމާއި ހަވާލުވާނެކަމަށް ވަނީ ބެލެވިފަ އެވެ.

މޮރީނިއޯގެ މުސްތަގުބަލާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ މި ސީޒަނުގައި ބެންފީކާ ކުޅެން ޖެހޭ މެޗެއް އަންނަ ހޮނިހިރު ދުވަހު އެބައޮތް ކަމަށާއި އެ މެޗުގެ ފަހުން އޭނާގެ މުސްތަގުބަލާއިމެދު ވާހަކަ ދައްކާނެ ކަމަށެވެ.

2010 އިން 2013 އަށް މޮރީނިއޯ ވަނީ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލަލީގާގެ އިތުރުން ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕަރ ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިންގްލެންޑްގެ ޗެލްސީގެ ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވެ އެ ކްލަބަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ.

ބެންފީކާ އާއިއެކު މޮރީނިއޯ ހަދާފައިވާ އެއްބަސްވުމުގެ ދަށުން ސީޒަން ނިމޭތާ 10 ދުވަހުގެ ތެރޭގައި އޭނާ އެހެން ކްލަބަކަށް ދާނަމަ 3 މިލިއަން ޔޫރޯގެ ފީއެއް އެ ކްލަބަށް ދައްކަން ޖެހޭނެ އެވެ.