ޚަބަރު

ރައިބަކީނާ ބަލިކޮށް ސްވިޓޮލީނާ ސެމީ ފައިނަލަށް


އިޓަލީގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ސެމީ ފައިނަލުގެ ޖާގައެއް ޔުކްރޭންގެ އެލީނާ ސްވިޓޮލީނާ ހޯދައިފި އެވެ.

މި މުބާރާތުގައި ހަތްވަނަ އަށް ސީޑު ކޮށްފައިވާ ސްވިޓޮލީނާގެ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވާ އެލޭނާ ރައިބަކީނާ އާއި ދެކޮޅަށް ކުޅުނު މެޗު 2 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 2-6 ގެ ނަތީޖާއަކުން ސްވިޓޮލީނާ ބަލިވި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާ 6-4 އަދި 6-4 ގެ ނަތީޖާއަކުން މި ދެ ސެޓު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ދުނިޔޭގެ ރޭންކިންގެ 10 ވަނައިގައި ހުރި ސްވިޓޮލީނާ 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން މިއީ އިޓާލިއަން އޯޕަންގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އޭނާ އާއި ދެކޮޅަށް ނިކުންނާނީ ތިން ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ އިގާ ސްވިއަޓެކް އާއި ދެކޮޅަށެވެ. ސްވިއަޓެކް ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާ ޖެސިކާ ޕެގޫލާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.