ފުޓުބޯޅަ އެސޯސިއޭޝަން އޮން މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް މުބާރާތްތައް ހަތަރު މަރުހަލާއަކަށް ބަލާފާ ފުރަތަމަ މުބާރާތް ޖުލައިމަހު ފެށުމަށް ނިންމައިފިއެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމާފައިވަނީ މިއަހަރު ފުރަތަމަ މުބާރާތް ޖުލައި 27 ގައި ފެށުމަށެވެ. އެއީ ކޮންމެ އަތޮޅެއްގެ މެދުގައި ބާއްވާ ކޮލިފިކޭޝަން މުބަރާތް އެޓޯލް ޗެމްޕިއަންޝިޕެކެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން 13 ގައި ހުޅުވާލާނެ ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފަހު ދުވަހަކީ ޖޫން 14 ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ. ކޮންމެ ރަށަކުން އެއް ޓީމަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ މި ކޮލިފިކޭޝަން ބުރުގެ މެޗުތައް ބާއްވާނީ އެފްއޭއެމުން ކަނޑައަޅާ ރަށްތަކެއްގައި މުބާރާތް ބާއްވާ އުސޫލުންނެވެ.
އެ މުބާރާތުން ހޮވާލެވޭ ޓީމުތައް ޒޯން ބުރުގައި ވާދަކުރުމަށްފަހު، ޒޯން ބުރުން ކޮލިފައިވާ ޓީމުތައް ރީޖަނަލް ކޮލިފިކޭޝަނަށް ދަތުރުކުރާނެއެވެ. އެއަށްފަހު އޮންނާނީ ކޮންމެ ރީޖަނަކުން ހޮވާލެވޭ ޓީމުތަކުގެ މެދުގައި ބާއްވާ ގައުމީ ފުޓްސަލް މުބާރާތެވެ. މިއީ ރާއްޖޭގައި އެފްއޭއެމްގެ ބެލެނިވެރިކަމުގެ ދަށުން ރަސްމީ ސިފައެއްގައި ފުޓްސަލް މުބާރާތްތަކެއް ބޭއްވުމަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ފުޓްސަލް ކުރިއަރާ މި ކުޅިވަރުގެ މަގްބޫލުކަން އިތުރުވެފައިވާއިރު ފީފާއިން މިއަހަރު އާންމުކޮށްފައިވާ ފުޓްސަލް ރޭންކިންގެ ގަދަ 100 ގައިވެސް ރާއްޖެ ހިމެނެއެވެ. ސާފް ސަރަހައްދުން ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު، އޮތީ ފީފާ ރޭންކިންގެ 99 ވަނައިގައެވެ. އަންހެން ފުޓްސަލް ޓީމު އޮތީ ރޭންކިންގެ 96 ވަނައިގައެވެ.