ހަނގުރާމައިގެ ޖަރީމާތައް ހިންގައި، ބަޔަކު ނަސްލުހޭދު ކުރުމުގެ ޢަމަލުތަކާއި، ނަސްލުހޭދު ކުރުމަށް ހިތްވަރުދޭ ޢަމަލުތައް ޔަހޫދީންގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރ ބެން-ގްވީރް ހިންގާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ހިންދް ރަޖަބް ފައުންޑޭޝަން (އެޗްއާރްއެފް)އިން އެމެރިކާގެ ޢަދުލްއިންސާފާބެހޭ ވުޒާރާގައި އެދިއްޖެއެވެ.
ބެލްޖިއަމްގައި ހިންގާ އެޗްއާރްއެފްއިން ބުނީ އެ ޖަމްޢިއްޔާއިން އެމެރިކާގެ ޢަދުލްއިންސާފާ ބެހޭ ވުޒާރާއަށް ޝަކުވާ ހުށަހަޅާފައި ވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 7ވަނަ ދުވަހުން 8ވަނަ ދުވަހަށް ބެން ގްވިއާ އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީ އެ ދަތުރުގެ ކުރިއަށް ކަމަށެވެ.
އެޗްއާރްއެފްއިން ބުނީ 2025ވަނަ އަހަރާއި 2026ވަނަ އަހަރު ޣައްޒާއަށް އެހީވުމަށް އެ ސަހަރަށް ދިޔުމަށް ދަތުރުކޮށްފައިވާ ފްލޮޓިއްލާތަކުގައި ތިބި މީހުން ޔަހޫދީން ވަގަށް ނަގައި، އެ މީހުންނަށް އެކި ކަހަލަ އަނިޔާތައް ދީފައިވާ ކަމަށެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތުން ވެސް ހިމެނޭ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
އެޗްއާރްއެފްއިން އިތުރަށް ބުނީ ޔަހޫދީން ގެއްލުވާލާފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖައްސައި، އެ މީހުން ބަންދުކޮށް އެ މީހުންނަށް ޖިސްމާނީ އަނިޔާތައް ދެމުންދާ ކަމަށެވެ. އަދި ނިދުމުންނާއި ބޭސް ފަރުވާއިން އެ މީހުން މަހުރޫމު ކުރާ ކަމަށާއި، ޖިންސީ އަނިޔާތައް ވެސް ދޭ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި މިދިޔަ އަހަރުގެ އޮގަސްޓު މަހާ ދެމެދު ފަލަސްޠީނުގެ 46 ރައްޔިރުން ޔަހޫދީ ޖަލުތަކުގައި ޝަހީދުވެފައިވާ ކަމަށް ވެސް އެޗްއާރްއެފްއިން ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ޢަދުލްއިންސާފާ ބެހޭ ވުޒާރާއިން ބެން ގްވިއާއާ ދެކޮޅަށް ރަސްމީ ޖިނާޢީ ތަހުޤީޤެއް ފެށުމަށް އެޗްއާރްއެފްއިން ގޮވާލާފައިވެއެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ނުވަތަ ތަހުޤީޤު ނިމެންދެން އެމެރިކާގެ އިޙްތިޞާސް އޮންނަ ސަރަޙައްދުން ނިކުތުން މަނާކޮށް، އެމެރިކާގެ ޤާނޫނުތަކާ އެއްގޮތަށް މަރުހަލާތައް ފެށުމަށް ވެސް އެ ޖަމްޢިއްޔާއިން ގޮވާލާފައިވެއެވެ.
އެމެރިކާގައި ހުންނަ އެޗްއާރްއެފްގެ މަންދޫބެއް ކަމަށްވާ ޖެކް ރޮމް ވިދާޅުވީ މި ފަދަ ޙާލަތެއްގައި އެމެރިކާއިން ބެން ގްވިއާ ދެކޮޅަށް ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ. އެއީ ބެން ގްވިއާ ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި އެމެރިކާގެ ރައްޔިތުންތަކަކާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކެއް ވެސް ހިމެނޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ކޮންމެ ދައުލަތަކުން ވެސް ބެން ގްވިއާ ހައްޔަރުކޮށް އޭނާ ހިންގާފައިވާ ޖަރީމާތަކަށް އޭނާ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް ރޮމް ވިދާޅުވިއެވެ.