ޚަބަރު

ރައީސްދެއްވި ޔަޤީންކަމަކީ ދަރަނީގެ ދަންތުރައިން ސަލާމަތްކޮށްދޭނެކަން


  • ޕޭހަމަނައިޒޭޝަންގެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރެއްވި

  • ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށް ވިދާޅުވި

މި ހަފުތާގެ ހޯމަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ރައްޔިތުންނާއިއެކު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުން ބާއްވަވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މުހިންމު ގިނަ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި ދާއިރާތަކުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ނޫސްވެރިންގެ ބައްދަލުކުރެއްވުން ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އަލިއަޅުއްވާލެއްވެވީ، ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީ ސަރުކާރުން 2019ވަނަ އަހަރު ތިން ފަހަރުމަތިން 150 މިލިޔަން ޑޮލަރުގެ ލޯނު، އިންޑިއާއިން ނެގި ކަމަށެވެ. ރައީސް ވިދާޅުވީ، މި ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު އެމަނިކުފާނުގެ ސަރުކާރުން ދައްކާ ނިންމީ، 7 ޖަނަވަރީ 2024ގައި ކަމަށެވެ. އަދި މެއި 11 އަށް 50 މިލިޔަން ޑޮލަރު ދައްކަން ހަމަޖެހިފައިވާތީ އެ ފައިސާވެސް މިހާރު ދައްކާ ޚަލާސްކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. ބާކީ 50 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ދައްކަންޖެހޭ ކަމަށާއި، އެ ފައިސާވެސް ދައްކަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވިދާޅުވީ، މި ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

"މިކަންކަން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން މިގޮތަށް ރައްޔިތުންގެ ބޮލުގައި އަޅުވާފައިހުރި މިކަހަލަ ބޮޑެތި ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރަމުން ގެންދާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، މުވައްޒަފުންގެ ޕޭހަމަނައިޒޭޝަންގެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ އެދެވޭގޮތަށް އެކަން ނުކުރެވި ތިބި މުވައްޒަފުންނަށް މިމަހުގެ މުސާރަ ޖަމާވާއިރު، ދިމާވެފައި ހުރި މައްސަލަތައް ހައްލުވެ، މުސާރަ ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެމަނިކުފާނު ސިލްސިލާ ގޮތެއްގައި ބާއްވަވާ ބައްދަލުކުރެއްވުންތައް އަންނަ ޖޫންމަހު އަލުން ފެށުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއި، ވަކިވަކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށަށް ވަޑައިގެން ބައްދަލުވުންތައް ބާއްވަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަކީ، މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި މި ސަރުކާރު އައުމާ ހަމައަށް ޑޭޓާ ހުރި ބިދޭސީންގެ އަދަދު %13 ގައި ހުރިއިރު، އެ އަދަދު ދެއަހަރާއި ބައިގެ ތެރޭގައި %98 އަށް އިތުރުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެކަމުގެ ޔަގީންކަންވެސް ނޫސްވެރިންގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.