ޚަބަރު

އޮވިއޭޑޯ އަތުން މެޑްރިޑް މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ އޮވިއޭޑޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ފަސްދޮޅަސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ކިލިއަން އެމްބާޕޭ ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ.

އެމްބާޕޭ ކުޅެން އެރުވުމާއިއެކު މެޑްރިޑްގެ ސަޕޯޓަރުން ވަނީ އެމްބާޕޭއަށް މަލާމަތްކޮށް އަޑުއުފުލާފަ އެވެ. އަދި ދާދި ފަހުން ކުރިއަށް ގެންދިޔަ އޮންލައިން ޕެޓިޝަނެއްގައި އެމްބާޕޭ ރެއާލް މެޑްރިޑް އިން ވިއްކާލުމަށް ބުނެ އެތައް މިލިއަން މީހުންނެއް ވަނީ ސޮއިކޮށްފަ އެވެ.

ނަމަވެސް މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 41 މެޗުގައި 41 ލަނޑު ޖަހާފަ އެވެ.

ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާ އިން މިދިޔަ ހަފްތާގައި ހޯދާފައިވާއިރު ލީގުގައި ރެއާލް މެޑްރިޑް ރޭ ކުޅުނު 36 ވަނަ މެޗުގައި އެ ޓީމުން އޮވިއޭޑޯގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ގޮންޒާލޯ ގާސިޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ދިން ޕާހަކުން ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑެކެވެ.