ޚަބަރު

އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް


  • ޚުޠުބާގެ މަޢުޟޫއަކީ "ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް"

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެއު ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީ، ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން ޖަމާވާތީކަމަށެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި ހެއު ޢަމަލުކުރުމަށް އަވަސްވުަމަށްވަނީ ގޮވާލާފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް" އެވެ.

ޚުޠުބާގައި ވިދާޅުވީ މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައްކަމަށެވެ. އެއީ ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހާއި އަދި މުޙައްރަމު މަސްކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަސް ކަމަށެވެ.

"އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެއު ކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބުލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް الله ލައްވައިފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެއް. ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް. ހެއު ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް." ހުކުރު ޚުޠުބާ ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވަނީ އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފެށުމަށް ގޮވާލާފައެވެ. ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމަށާއި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ޤުރްއާނުގައި ގޮވައިލައްވައިފައިވާ އެއް ކަންތައްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހު އިރުއޮއްސުމާ ހަމައަށް ދިރިއުޅޭ ގެތަކުގައްޔާއި، މަގުތަކުގައްޔާއި، ބާޒާރުމަތީގައި އަޑުހަރުކޮށް ތަކުބީރުކިޔައި އުޅުމަކީ ސުންނަތެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ހެއު ކަމުން ފުރިގެންވާ މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި، މި ދުވަސްތަކުގައި ގިނަގިނައިން ޞަދަޤާތްކުރުމަކީ ވެސް މަތިވެރިވެގެންވާ އަޅުކަމެކެވެ.

"ހެއު ކަންކަމަކީ މީހާއަށް މާތް ﷲގެ ރަޙުމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއްކަމުގައި ދަންނާށެވެ! ހަމަ އެ ފަދައިން ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަޙުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިޢުމަތްތަކުން އެ މީހަކު މަޙުރޫމުކުރައްވާނޭ ސަބަބެއްކަން ހަނދާންކުރާށެވެ! އެހެންކަމުން ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވާށެވެ! މާތް ﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް ޢަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!"

ހުކުރު ޚުޠުބާގައި ވިދާޅުވީ ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި މި ދުވަސްތަކުގައި ނުބައި ކަންކަމާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.