ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް


  • ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވޭ

  • ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކޮށްފައިވޭ

  • ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރެވެހުނީ މާލެއާއި މ.މުއްޔަށް

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށެވެ. އަދި އެކި ހިސާބުތަކަށް ވާރޭވެހޭއިރު، އިއްޔެއާ ޚިލާފަށް ވިލާގަނޑުގައި ވައި ހިފަހައްޓާ މިންވަރު ތަފާތުވެދާނެ ކަމަށާއި، ބައެއް ވަގުތުތަކުގައި ވައިގެ މިންވަރު ދަށްވެ މަތިވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑްތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ ސިޓީއަށާއި މ. މުއްޔަށެވެ. އެގޮތުން މާލެއަށް 49.7 މިލިމީޓަރު، މުއްޔަށް 49.2 މިލިމީޓަރު އަދި ހުޅުމާލެއަށް 35.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރަށްވާފައިވާއިރު، ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށާއި އަދި ބޯކޮށް ވާރެވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.