ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ޖަރުމަނުގެ އެއްވަނަ ކީޕަރުކަން އަނެއްކާ ވެސް ތަޖުރިބާކާރު ކީޕަރު ބަޔާން މިއުނިކްގެ މެނުއަލް ނޯޔާ އަށް ދެން ގާތްގަނޑަކަށް ނިންމައިފި އެވެ.
ޖަރުމަނުގެ މީޑިއާތަކުން ބުނާ ގޮތުގައި މީގެ ދެ އަހަރު ކުރިން ރިޓަޔާ ކުރި ކީޕަރު ލައްވައި ވޯލްޑް ކަޕުގައި ކުޅުވަން އެ ގައުމުން ބޭނުންވީ މިހާރު ޓީމުގައި ތިބި ކީޕަރުންނަށް ފުރިހަމަ އިތުބާރު ނުކުރެވޭތީ އެވެ. ނޯޔާ އަށް ފަހު އެއްވަނަ ކީޕަރުކަން ދިނީ ބާސެލޯނާގެ މާކް އަންދްރޭ ޓާސްޓެގަން އަށެވެ. ނަމަވެސް ލޯނު އުސޫލުން ޖިރޯނާގައި ހޭދަކުރާ ކީޕަރު މިދިޔަ ދެ އަހަރު ތެރޭގައި ކުޅެފައިވަނީ އަނިޔާގެ ސަބަބުން ހައެއްކަ މެޗެވެ. އޭނާ އަށް ވެސް ވޯލްޑް ކަޕް ވެސް ނުކުޅެވޭނެ އެވެ. މިހެންވެ އެއްވަނަ ކީޕަރުކަން ކުރަމުން އައި އޮލިވަރ ބައުމަން އަށް ވެސް ނިމިގެންދާ ސީޒަނުގައި ކުލަބު ލެވެލްގައި މޮޅު ކުޅުމެއް ނުދެއްކުނެވެ. ނޯޔާ އަށް ނާގެލްސްމަންގެ ކަޅި އަމާޒު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް މި އެވެ.
މިހެންވެ 40 އަހަރުގެ ބަޔާން މިއުނިކްގެ ކެޕްޓަން އަލުން ގައުމީ ޓީމަށް ކުޅެދޭން އޭނާގެ ނިންމުން ބަދަލު ކުރަން ވިސްނައިދިނީ ގައުމީ ކޯޗު ހޫލިއަން ނާގެލްސްމަން އާއި ޖަރުމަނުގެ ގައުމީ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު ރޫޑީ ވޮލާ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ނޯޔާ ރަސްމީކޮށް އެއްޗެއް ނުބުންޏެވެ.
"ތިޔައީ އަހަރެންނަށް ސުވާލެއް ވެސް ނޫން. ތި ސުވާލު ކުރަން ޖެހޭނީ ކޯޗަށް. އޭނާ ގާތުން އަހާ. އަހަރެން ތައްޔާރުވަނީ ޖަރުމަނު ކަޕްގެ ފައިނަލް ކުޅެން،" ވޯލްޑް ކަޕް ކުޅޭނެތޯ އެހުމުން ނޯޔާ ބުންޏެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިދީ އެ މުބާރާތުގެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ނޯޔާ އަކީ ގައުމީ ޓީމަށް 124 މެޗު ކުޅެދީފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ކުރިއަށް އޮތް ސީޒަނުގައި ބަޔާން އަށް ކުޅެދޭން ދާދި ފަހުން އެއް އަހަރުގެ އެގްރީމަންޓެއްގައި ސޮއި ކޮށްފަ އެވެ.
ވޯލްޑް ކަޕުގައި ޖަރުމަނު ހިމެނެނީ ކުރަކާއޯ އާއި އައިވަރީ ކޯސްޓާއި އިކުއެޑޯއާއެކުގަ އެވެ.