ނެދަލޭންޑްސްގެ ވޯލްޑް ކަޕް ޓީމުން ޑިފެންޑަރު މަތިއަސް ޑިލިޓް ވަކިކޮށް، ބެލްޖިއަމް ޓީމުގައި ފޯވަޑް ރޮމެލޫ ލުކާކޫ ހިމަނައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ޑިލިޓް ޓީމަށް ނުނެގީ އޭނާގެ އަށް ލިބިފައިވާ އުނަގަނޑުގެ ތަދު ރަނގަޅު ކުރަން އޮޕަރޭޝަން ކުރަން ޖެހުމުންނެވެ. މި އޮޕަރޭޝަނަށް ފަހު ކުރިއަށް އޮތް ސީޒަން ފެށުމާ ހަމައަށް އޭނާ ރެސްޓް ކުރަން ޖެހޭނެ އެވެ.
"އަހަރެން ވަރަށް ދެރަވެއްޖެ ވޯލްޑް ކަޕް ނުކުޅެވުމުން. ޓީމަށް އެހީތެރިވެދޭން އަހަރެން ހުރީ ތައްޔާރު ވެގެން. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަހަރެން މިދިޔައީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން މުބާރާތް ކުޅެން،" ޑިލިޓް ބުންޏެވެ.
އިޓަލީގެ ނާޕޮލީ އަށް ކުޅޭ ލުކާކޫ ބެލްޖިއަމް ޓީމަށް ނެގީ އަނިޔާ މުޅިން ރަނގަޅު ނުވަނީހެވެ.
ބެލްޖިއަމް ޓީމަށް 124 މެޗު ކުޅެދީފައިވާ ލުކާކޫއާއެކު ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑެބްރޫނޭ އާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ ވެސް ޓީމަށް ނެގި އެވެ. މީގެ ތެރެއިން ޑެބްރުނޭ ވަނީ ގައުމީ ޓީމަށް 117 މެޗު އަދި ކޯޓުއާ ވަނީ 107 މެޗު ކުޅެދީފަ އެވެ. މީގެ އިތުރުން 136 މެޗު ކުޅެދީފައިވާ 37 އަހަރުގެ މިޑްފީލްޑަރު އެލެކްސް ވިސްޓެލް ވެސް ޓީމުގައި ވަނީ ހިމަނާގަ އެވެ. މި ހުރިހާ ކުޅުންތެރިންނަށް މި ފަހަރުގެ ވޯލްޑް ކަޕަކީ އެ މީހުންގެ ހަތަރު ވަނަ މުބާރާތެވެ.
ލުކާކޫ ޓީމަށް މި ނެގީ އަހަރެއްހާ ދުވަހު ގައުމީ ޖާޒީ ނުލާ ހުއްޓަ އެވެ. އޭނާ އަށް އަނިޔާވެފައިވާއިރު ކުލަބުގައި ވެސް މި ސީޒަނުގައި ކުޅެފައިވަނީ 64 މިނިޓެވެ.
ކޯޗު ރުޑި ގާސިއާގެ ޓީމުން ޖާގަ ލިބުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ 17 އަހަރުގެ ނަތަން ޑި ކެޓް އެވެ. އޭނާ ކުޅެފިނަމަ ވާނީ ވޯލްޑް ކަޕުގައި ކުޅޭނެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ޑި ކެޓް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ މިދިޔަ މާޗު މަހު އެމެރިކާ އަތުން 5-2އިން މޮޅުވި މެޗުގަ އެވެ.
ވޯލްޑް ކަޕުގައި ބެލްޖިއަމް ހިމެނެނީ މިސުރާއި އިރާނާއި ނިއުޒީލޭންޑާ އެކު ގްރޫޕް އެފްގަ އެވެ.