ޚަބަރު

އައު ކުޅުންތެރިންނާއެކު ޤައުމީ ވޮލީ ސްކޮޑު އިޢުލާނުކޮށްފި


  • ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު އައުޓްސައިޑް އެޓޭކަރ، ޙައްވާ ރާޝިދާ

  • ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށް

މިމަހުގެ 22 ވަނަ ދުވަހު، ނޭޕާލްގެ ކަތުމަންޑޫގައި ފެށޭ ކާވާ ވިމެންސް ވޮލީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެނުންގެ ވޮލީ ސްކޮޑު އިއުލާނުކޮށް، ކުޅުންތެރިންނަށް ޖަރޒީ ހަވާލުކޮށްފިއެވެ.

ހ.ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުންތެރިންނަށް ޖަރޒީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޢަބްދުލް ރައްޒާޤް އިބްރާހީމެވެ.

މުބާރާތަށް އެކުލަވާލާފައިވާ ސްކޮޑުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެކުލެވޭއިރު، ގިނަ އައު ނަންތަކެއްވެސް ސްކޮޑް ލިސްޓުގައި ހިމަނާފައިވެއެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު އައުޓްސައިޑް އެޓޭކަރު ޙައްވާ ރާޝިދާއެވެ.

މުބާރާތަށް ނެގި ގައުމީ އަންހެން ވޮލީ ޓީމުގެ ސްކޮޑް:

ޙައްވާ ރާޝީދާ (ކެޕްޓަން) - އައުޓްސައިޑް އެޓޭކަރު
ޙައްވާ ނަޒީމާ - މިޑްލް ބްލޮކަރ
އަލްޔާ އަޙްމަދު - އައުޓްސައިޑް އެޓޭކަރ
އާމިނަތު އަރީޝާ - އޮޕޮސިޓް
އާމިނަތު މާނާ ނާޒިމް - މިޑްލް ބްލޮކަރ
ޙައްވާ ސަޚާ - މިޑްލް ބްލޮކަރ
އާމިނަތު ޝަހާ ޝާމިން - އައުޓްސައިޑް އެޓޭކަރ
ފާތިމަތު ޖޫޒާން - ސެޓަރ
އައިޝަތު އިމްތިނާން - ސެޓަރ
ލީމް އަޙްމަދު ލަތީފް - އައުޓްސައިޑް އެޓޭކަރ
މައިހާ ޢަލީ - ލިބަރޯ
މިންހަތު އަޙްމަދު - މިޑްލް ބްލޮކަރ
މާސާ ފާރޫގް - ލިބަރޯ
މާޔާ ޙުސައިން ސޮލާހް - އޮޕޮސިޓް
ޓީމުގެ އޮފިޝަލުން:

ޓީމު މެނޭޖަރު: މޫސާ އިބްރާހިމް ނާފިއު
ހެޑް ކޯޗު: މުހައްމަދު ނަދީމް
އެސިސްޓެންޓް ކޯޗު: ފަތުޙުﷲ ވަޙީދު
އެސިސްޓެންޓް ކޯޗު: އާމިނަތު ޒީނާ

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި 23 ވަނަ ދުވަހު އިންޑިއާ އާ ދެކޮޅަށް ނުކުންނައިރު، ގުރޫޕްގެ ފަހު މެޗުގައި 24 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ނޭޕާލްއާ ދެކޮޅަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ބޭއްވި ވަރުގަދަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޓީމުގެ އެސިސްޓެންޓު ކޯޗު ފަތުޙުﷲ ވަޙީދު ވަނީ، ޓީމުގައި އަލަށް ހިމަނާފައިވާ ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ކުރިއެރުމާމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. މީގެ އިތުރުން ފަތުޙުﷲ ވަނީ ކުޅުންތެރިން ދައްކަމުން އަންނަ ކޮމިޓްމެންޓަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މީގެ އިތުރުން، ޓީމުގެ ކުޅުންތެރިން ވަނީ ސަޕޯޓަރުން މާޔޫސްކޮށްނުލާނެކަމުގެ ޔަގީންކަންދީ، ޓީމުގެ އަމާޒަކީ ރާއްޖެއަށް މުބާރާތުގެ ރަން މެޑަލް ހޯދައިދިނުން ކަމަށް ބުނެފައެވެ. ކުޅުންތެރިންގެ ފަރާތުން އިތުރަށް ވަނީ ނޭޕާލްގައި މެޗުތައް ކުޅޭއިރު ޓީމަށް ސަޕޯޓުކޮށްދިނުމަށް އެދުމާއެކު، އަބަދުވެސް ސަޕޯޓަރުން ޓީމާއެކު ތިބޭނެކަމުގެ އުންމީދު އޮންނަކަން ފާހަގަކޮށްފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ޓީމު ނޭޕާލަށް ފުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.