ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި ސްޕޯޓްސް ޕާކު، ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
މި ޕާކުގައި ހިމެނެނީ ފުޓްސެލް ދަނޑެއްގެ އިތުރުން ވޮލީ ކޯޓަކާއި ބާސްކެޓްބޯލް ހާފް ކޯޓެކެވެ. ޕާކު ހުޅުވުމަށްޓަކައި ރޭ ވަނީ މި ތިން ދަނޑުގައި މެޗުތަކެއް ކުޅެފައެވެ.
މިޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން، ނެއިބަރހުޑް 1 ގެ ރައްޔިތުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަމުގެ ޝަކުވާ ހުށަހެޅުމުން އެކަމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއްކަން ފާހަގަކުރައްވާ، ނެއިބަރހުޑް 1 ގެ ފަރާތުން ކޮމިއުނިޓީ ރިޕްރެޒެންޓޭޓިވް، ނައީމްގެ ވާހަކައިގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެހާ ފުރިހަމަކޮށް މި މަސައްކަތް ނިންމައިދެއްވީތީ އެޗްޑީސީ އަށާއި، ވަކިން ހާއްސަކޮށް މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރަށް ކޮމިއުނިޓީގެ ފަރާތުން ނައީމް އަށް ޝުކުރު އަދާކުރިއެވެ.
އެހެންކަމުން، ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި ސްޕޯޓްސް އެރީނާ ރަސްމީކޮށް ހުޅުވުމާއެކު މިވަނީ އެސަރަހައްދުގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާއަކަށް ހައްލެއް ލިބިގެންގޮސްފައެވެ.