ޚަބަރު

ތެލުގެ އަގު އުފުލުމުން ހަކަތަ އުފެއްދުމަށް ބޮޑު ހޭދައެއް


  • ތެޔޮ އެތެރެކުރަން ކުރާ ޚަރަދުވަނީ 116 މިލިޔަން ޑޮލަރަށް އިތުރުވެފައި

  • ތެލަށް ބަރޯސާވުން ކުޑަ ކުރެވޭނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ހަކަތައިގެ ދާއިރާއިން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއަކީ، ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ސީދާ ގޮތުންނާއި، ނުސީދާ ގޮތުން އަންނަނީ ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސަރުކާރުން ތެޔޮ އެތެރެކުރުމަށް އަހަރަކު އެތަށް ޚަރަދެއް ކުރާ ކަމަށެވެ. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ތެޔޮ ފޯރުކޮށްދޭއިރު، ހަނގުރާމައާ ގުޅިގެން ދައުލަތުގެ ބަޖެޓުން އިންތިހާއަށް ބޮޑު ޚަރަދެއް ތެޔޮ އެތެރެކުރުމަށް ހޭދަކުރަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ހޭދައެއް ސަރުކާރުން އެބަކުރޭ ތެލަށް. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން މިހާރުވެސް ތެޔޮ ލިބޭގޮތަށް ފޯރުކޮށްދެމުންދަނީ. ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވަނީ." ވަޒީރު ވިދާޅުވިއެވެ.

ހަކަތައާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ދުވާލަކު 8000 ފީފާގެ ޑީސަލް ބޭނުންވާ ކަމަށެވެ. އެއީ، އަހަރަކަށް ބަލާނަމަ 2.9 މިލިޔަން ފީފާގެ ޑީސަލެވެ. އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 50 މިލިޔަން ޑޮލަރު ޚަރަދުކުރާ ކަމަށެވެ.

އެހެންނަމަވެސް މިހާރު އެ އަދަދު 116 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް ޑީސަލް ނުވަތަ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެން ހުރި އިޔާދަ ކުރަނިވި ހަކަތައިގެ ބޭނުން ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

އަޙްމަދު ޢަލީ ވިދާޅުވީ، ރާއްޖެއަކީ ހަކަތަ އުފެއްދުމަށް ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށެވެ. މިގޮތުން 2025 ވަނަ އަހަރަށް އެކަނި ބެލިނަމަވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މިއީ، ޖީ.ޑީ.ޕީގެ ނިސްބަތުން 10 އިންސަތަކަން އޭނާ ފާހަގަކުރެއްވިއެވެ. އަޙްމަދު ޢަލީ ވިދާޅުވީ، މި 10 ބިލިޔަން ރުފިޔާ ތެޔޮ ގަތުމަށް ޚަރަދު ނުކުރާނަމަ، އެ ފައިސާއަކީ އިޖްތިމާއި އިޤްތިސާދީ ކަންކަން ތަރައްޤީ ކުރުމަށް ބޭނުން ކުރެވޭނެ ފައިސާ ކަމަށެވެ.

"ރަށްރަށުގައި ސުކޫލްތައް އެޅުމާއި، ހޮސްޕިޓަލްތައް އެޅުމާއި، އެނޫންވެސް އަދި ކުނިކޮށި އެޅުމާއި މިކަހަލަ ކަންކަން ކުރުމަށް ހުރި ލާރިއޭ ބޭރަށް މި ދޭން ޖެހެނީ ތެޔޮ އެތެރެކުރުމަށް. މިކަންކަން މިގޮތަށް ހުރީމައި ރާއްޖެއަކީ، އެއްވެސް ކަހަލަ ޕްރޫވަން ފޮސިލް ރިޒާވްއެއް ނެތް ތަނަކަށްވާތީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުކަމުން، ރާއްޖޭއިން ބޭރުން ތެލުގެ މާކެޓަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ކުރޭ." އަޙްމަދު ޢަލީ ވިދާޅުވިއެވެ.

ހަކަތައާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 2028ގެ ނިޔަލަށް 33 އިންސައްތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވުން ކުޑަ ކުރެވޭނީ، ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން ހަކަތަ އިސްރާފުކުރުން ކުޑަކޮށްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.