ޚަބަރު

އދ.އަތޮޅު ތައުލީމީ މަރުކަޒާއި މާފުށީ ސްކޫލް ފައިނަލަށް


  • އދ.އަތޮޅު ތައުލީމީ މަރުކަޒުން މެޗު ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިން

  • މާފުށީ ސްކޫލް މެޗުގައި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން

17 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗުތައް ކާމިޔާބުކޮށް، އދ.އަތޮޅު ތައުލީމީ މަރުކަޒާއި މާފުށީ ސްކޫލް، މުބާރާތުގެ ފައިނަލަށް ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގަ އިއްޔެ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ކަލާފާނު ސްކޫލާ ވާދަކޮށް، އދ.އަތޮޅު ތައުލީމީ މަރުކަޒު މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 52 ވަނަ މިނެޓުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދަރުމަވަންތަ ސްކޫލާއި މާފުށީ ސްކޫލް 2-2 ގެ ނަތީޖާއިން އެއްވަރުވެފައި ވުމުން ސެމީފައިނަލްގެ ދެވަނަ މެޗުގައި ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިމެޗުގައި ފުރަތަމަ ގޯލު ޖަހައި، ލީޑު ނަގާފައިވަނީ ދަރުމަވަންތަ ސްކޫލުންނެވެ. ލިބުނު ޕެނަލްޓީއަކުން އެޓީމުން މިގޯލު ޖަހާފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މެޗުގެ ފޯރިގަދަވެފައިވަނީ، މާފުށީ ސްކޫލަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 38 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރި ހިސާބުންނެވެ. އެހާ ހިސާބުން، ދެޓީމުންވެސް ދިޔައީ ލީޑު ނެގުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މާފުށީ ސްކޫލުން މިކަން ކާމިޔާބުކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ނަމަވެސް، ދަރުމަވަންތަ ސްކޫލުން ވަނީ އޭގެ އެންމެ 2 މިނެޓު ފަހުން މެޗުގެ ނަތީޖާ އަލުން އެއްވަރުކޮށްފައެވެ.

އެހެންކަމުން، ފައިނަލަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުކުރަން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގަ 6 ޕެނަލްޓީ ކާމިޔާބުކޮށްގެން މެޗުން މޮޅުވެފައި ވަނީ މާފުށީ ސްކޫލެވެ. ދަރުމަވަންތަ ސްކޫލަށް ކާމިޔާބުކުރެވުނީ 5 ޕެނަލްޓީއެވެ.

މާފުށީ ސްކޫލާއި އދ.އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ވަދުވަހުއެވެ.