ޚަބަރު

"ޓައިވާނަކީ ޗައިނާއިން ވަކި ނުކުރެވޭނެ ބައެއް؛ ވަން ޗައިނާ ސިޔާސަތު ދަމަހައްޓާނަން"


  • މިއީ ޗައިނާއާއި އެކު ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން ދަމަހައްޓާ ސިޔާސަތެއް

  • ޗައިނާއާއި ރާއްޖޭގެ ގުޅުން ކުރިމަގުގައިވެސް ދަނީ ބަދަހިވަމުން

ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، ރާއްޖެއިން "ވަން ޗައިނާ" ސިޔާސަތު މަތީ ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފިއެވެ. ވަން ޗައިނާ ސިޔާސަތަކީ ދިވެހިރާއްޖެއިން އެ ޤައުމާއި ސިޔާސީ ގުޅުން ޤާއިމުކުރުމަށް ފަހު އަބަދުވެސް ދަމަހައްޓާ ސިޔާސަތެކެވެ.

ޚާރިޖީ ވުޒާރާއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވީ، ރާއްޖެއިން މިހާތަނަށް "ވަން ޗައިނާ ޕްރިންސިޕަލް" މަތީ ދެމިތިބި ގޮތަށް ބަދަލެއް ނުވެ ކުރިމަގުގައި މި ސިޔާސަތު މަތީ ދެމި ތިބޭނެ ކަމަށެވެ. އަދި މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމުގައި ބަލައިގަންނަ ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

މި ދުވަސްވަރަކީ ދުނިޔެއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެިފައިވާ ދުވަސްވަރެއް ކަމަށްވީނަމަވެސް، ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދުވަހުން ފެށިގެން ދިވެހިރާއްޖެއިން ދަމަހައްޓަނީ މި ސިޔާސަތުކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ގަރާރު 2758 އާއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކޮށްކޮށް ނުލެވޭނެ ބައެއް ކަމުގައި ދިވެހިރާއްޖެއިން ގަބޫލުކުރާ ޚާރިޖިއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ޗައިނާއެކު އޮތް ދިގުދެމިގެންވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޗައިނާއިން ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި ސަރުކާރުން ވަނީ ޝުކުރުއަދާކޮށްފައެވެ. ދިވެހި ޚާރިޖީއްޔާގެ ބަޔާން ނިންމާލާފައިވަނީ، ސުލްހައާއި ހަމަޖެހުމާއި، ދެ ފަރާތަށް ފައިދާހުރި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމަށް އުއްމީދުކުރާ ކަން ފާހަގަކުރަމުންނެވެ.