މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދަނީ އިނގިރޭސިވިލާތުން މިހާތަނަށް ނެގި އެންމެ ވަރުގަދަ ޓީމު ކަމަށް ކެޕްޓަން ހެރީކޭން ބުނެފި އެވެ.
އިނގިރޭސި ޓީމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން 32 އަހަރުގެ ފޯވަޑް ބުނީ މި ފަހަރުގެ ޓީމު ހުރިހާ ގޮތަކުން ވެސް ވަރުގަދަ ކަމަށެވެ.
"ރަނގަޅަށް ބަލައިފިއްޔާ އެނގޭނެ މިއީ މިހާތަނަށް އިނގިރޭސިވިލާތުން ފެންނާނެ އެންމެ ވަރުގަދަ ޓީމު. ފުރަތަމަ 11 އަށް ބެލިޔަސް އަދި ބެންޗުން އަރަން ތިބި ކުޅުންތެރިންނަށް ބަލާއިރު ވެސް މިކަން އޮތީ މިހެން. އަހަރުމެން މިވަނީ ހުރިހާ ގޮތަކުން ވެސް ތައްޓަށް އަމާޒު ހިފާފައި،" ކޭން ބުންޏެވެ.
ކޯޗު ގެރެގް ސައުތު ގޭޓްގެ އިރުޝާދުގެ ދަށުން އެންމެ ފަހުގެ ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެސް ދަތުރުކުރި ޓީމު މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ.
ބުންޑަސްލީގާގައި ބަޔާން މިއުނިކަށް ކުޅެދިން 50 މެޗުން 58 ގޯލު ޖެހި ކޭން ބުނީ އޭނާ ވެސް ހުރީ ވަރަށް ފޯމުގައި ކަމަށާއި ލީގުގެ ރަންބޫޓު ލިބިގެން ވޯލްޑް ކަޕާ ކުރިމަތިލުމަކީ އިތުބާރެއް ކަމަށެވެ.
"އަހަރުމެން މިވަނީ ތޯމަސްގެ އިރުޝާދުގެ ދަށުން މިދިޔަ މުއްދަތުގައި ވަރަށް ރަނގަޅަށް ތަމްރީނު ހަދާފައި. އެހެންވީމާ މި ޓީމު މި ފަހަރު ބޮޑު ކާމިޔާބީ އަކަށް އުއްމީދު ކުރޭ،" 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަންބޫޓު ހޯދި ފޯވަޑް ބުންޏެވެ.
އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ފަށާ ވޯލްޑް ކަޕުގައި އިނގްލޭންޑް ހިމެނެނީ ކްރޮއޭޝިޔާ އާއި ގާނާ އާއި ޕެނަމާއާއެކު ގްރޫޕް އެލްގަ އެވެ.