ކުޅިވަރު

ޖަރުމަނުގެ އަންގި ކީޕަރު ނޯޔާ އަށް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ޖަރުމަނު ޓީމުގެ އެއްވަނަ ކީޕަރުކަން ރިޓަޔާ ކޮށްގެން ހުރި ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އަށް ދީފި އެވެ.

އަންނަ ޖޫން މަހު 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ ވޯލްޑް ކަޕަށް ޖަރުމަނުން އެކުލަވާލި ޓީމުގެ އެއްވަނަ ކީޕަރުކަން އުމުރުން 40 އަހަރުގެ ބަޔާން މިއުނިކްގެ ކީޕަރު ނޯޔާ އަށް ދިނީ އެފަދަ ދެވަނަ ކީޕަރު އެ ގައުމުގައި ނެތުމުންނެވެ.

"އެންމެނަށް ވެސް އެނގޭނެ އޭނާގެ ކޮލިޓީ އާއި އޭނާ ޓީމަށް ގެނެސްދޭނެ ކުރިއެރުން. އަހަރުމެން ޕެލޭން ކުރަނީ އޭނާ އަކީ ޓީމުގެ އެއްވަނަ ކީޕަރު ކަމަށް" ކޯޗު ހޫލިއަން ނާގެލްސްމަން ބުންޏެވެ.

ނޯޔާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަނު ޓީމުގައި ކުޅެ އެ މުބާރާތުގެ އެއްވަނަ ކީޕަރެވެ. އަދި ފަހުން ޓީމުގެ ކެޕްޓަނެވެ. އޭނާ ރިޓަޔާ ކުރީ އެންމެ ފަހުގެ ޔޫރޯ އަށް ފަހު އެވެ. ކޯޗު ނާގެލްސްމަން ބުނީ ކުރީގެ ކެޕްޓަން އެނބުރި ގައުމީ ޖާޒީލާން ނިންމި ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕުގައި ކެޕްޓަން ކަން ކުރާނީ ނޯޔާ އަށް ފަހު ކެޕްޓަންކަން ކަމާ ހަވާލުވި ތަޖުރިބާކާރު ކުޅުންތެރުޔާ ހޯޝުއާ ކިމިޗް ކަމަށެވެ.

ޖަރުމަނު ޓީމުން ޖާގަ ނުލިބުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ފްރެއިނާގެ މަތިއަސް ގިންޓާ އެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު އަދި މި ފަހަރުގެ ސީޒަނުގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ބަޔާންގެ ބަދަލު ގޯލްކީޕަރު ޖޯނަސް އަށް ޓީމުން ޖާގަ ގެއްލުނުއިރު އެ ޓީމުގެ އެޓޭކިން މިޑްފީލްޑަރު ޖަމާލް މުސިއާލާ އަށް ވަނީ ޓީމުން ޖާގަ ލިބިފަ އެވެ. މުސިއާލާ އަކީ މި ސީޒަނުގެ ކުރީކޮޅު ކަކޫ ހަލާކުވުމުގެ ސަބަބުން ގިނަ ދުވަހު ނުކުޅެ ހުންނަން ޖެހުނު ކުޅުންތެރިއެކެވެ.

ނާގެލްސްމަން އެކުލަވާލި ޓީމުގައި އާސެނަލްގެ ކައި ހަވަޓްޒް އާއި ލިވަޕޫލްގެ ފްލޯރިއަން ވާޓްސް އާއި ނިއުކާސަލްގެ ނިކް ވޮލްޓެމޭޑް ހިމެނެ އެވެ. އަދި ބަޔާން ޒުވާން ކުޅުންތެރިޔާ ކާލް ލެނާޓް ވެސް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ދާނެ އެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޖަރުމަނު ހިމެނެނީ ކުރަކާއޯ އާއި އައިވަރީ ކޯސްޓާއި އިކުއެޑޯއާއެކު ގްރޫޕް އީގަ އެވެ.