އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ރޭ އެވަޓަން އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް މޮޅުވެ ރެލިގޭޝަނުން ސަލާމަތްވިއިރު ވެސްޓްހޭމް ޔުނައިޓެޑް ރެލިގޭޓް ވެއްޖެ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވިއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 43 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޮއާއޯ ޕަލީނިޔާ އެވެ.
1977 ވަނަ އަހަރަށްފަހު ރެލިގޭޓްވާން ދިޔަ ޓޮޓްނަމް ފަހު މެޗަށް ނިކުތްއިރު އެ ޓީމު ރެލިގޭޝަނުން ސަލާމަތްވާން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މި މެޗުން މޮޅުވުމާއިއެކު ޓޮޓްނަމް އަށް ވަނީ 41 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ މަގާމް ލިބިފަ އެވެ.
ވެސްޓްހޭމް ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލީޑްސް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިނަމަވެސް އެ ޓީމަށް ލިބުނީ 39 ޕޮއިންޓާއެކު ތާވަލުގެ 18 ވަނަ އެވެ.
މި މެޗުގައި ވެސްޓްހޭމް އިން ޖެހި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކަސްޓެޔަނޯސް އާއި ޖެރޮޑް ބޮވެންގެ އިތުރުން ކަލަމް ވިލްސަން އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި 14 ސީޒަނުގައި ވާދަކުރުމަށްފަހު ވެސްޓްހޭމް ޗެމްޕިއަންޝިޕަށް ރެލިގޭޓްވެފައިވަނީ ލީގުގެ ފަހު ދުވަހު އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވެފައިވާ އަނެއް ދެ ޓީމަކީ ބާރންލީ އާއި ވޮލްވްސް އެވެ.