ޚަބަރު

އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި


  • މިއައުޓްލެޓާއެކު މިފްކޯގެ އުފެއްދުންތައް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ލިބޭނެ

  • މިފްކޯއިންވަނީ ދާދިފަހުން ލަންކާގައިވެސް އައުޓްލެޓެއް ހުޅުވާފައި

މިފްކޯގެ އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި މިފްކޯގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

މިއައުޓެލްޓް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިފްކޯގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވި މިފްކޯގެ މިފިހާރައަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި، ހުޅުވި އެކުންފުނީގެ ފުރަތަމަ ފިހާރަކަމަށެވެ. އަދި މިއާއެކު ހުޅުދޫގައި ޤާއިމުކޮށްފައިވާ މިފްކޯގެ ފެކްޓްރީ މެދުވެރިކޮށް ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވޭނެކަމަށާއި، މީގެއިތުރުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން މިރޭ ހުޅުވި މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށްވާގޮތަށެވެ. ހޯމަ ދުވަހުގެ ރެއިން ފެށިގެން މި ފިހާރައިން މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިފްކޯއިން ދަނީ، އެކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިގޮތުން މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި މިފްކޯގެ ފިހާރަތަށް ޤާއިމުކުރަމުން އަންނައިރު ދިވެހީން އާންމުކޮށް އުޅޭ ޤައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިނތިޒާމު ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ ދަށުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންވަނީ މިފްކޯގެ އައުޓްލެޓެއް ލަންކާގައިވެސް ހުޅުވާފައެވެ.