ޚަބަރު

ވޯލްޑްކަޕް ބޯމަތިވެފައިވަނިކޮށް މެސީ އަށް އަނިޔާވެއްޖެ


ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށެން ތިން ހަފްތާއަށް ވެފައިވަނިކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް އަނިޔާވެއްޖެ އެވެ.

އުމުރުން 38 އަހަރުގެ މެސީ އަށް އަނިޔާވެފައިވަނީ އެމެރިކާގެ މޭޖަރ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ފިލަޑެލްފިއާ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުގަ އެވެ. 6-4 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެފައިވާ މި މެޗުގައި މެސީގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ވަނީ އަމިއްލަ އެދިގެން މެޗުން ފައިބާފަ އެވެ.

މެސީގެ އަނިޔާ އާއި ގުޅޭ ގޮތުން އިންޓަރ މަޔާމީއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް އެ ޓީމުގެ ކޯޗު ގުއިލާމޯ ހޯޔޮސް އެ މެޗަށްފަހު ބުނެފައިވަނީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި ދަނޑުގެ ކޮންޑިޝަން ހުރި ގޮތުން ފަޔަށް ތަދެއް އެރީ ކަމަށެވެ.

ޖޫން މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށް ގެންދާ ފީފާ ވޯލްޑްކަޕަށް އެމެރިކާގެ މޭޖަރ ލީގުގެ ކުޅުން ވަނީ މިހާރު މެދުކަނޑާލާފަ އެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ 8 ފަހަރު މަތިން ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ލިއޮނެލް މެސީ އާޖެންޓީނާގެ ސްކޮޑުގައި ހިމަނާފަ އެވެ.

އާޖެންޓީނާ އިން އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގެ ކެޕްޓަނަކީ ލިއޮނެލް މެސީ އެވެ.