ކުޅިވަރު

ޤައުމީ ވޮލީ ލީގާއި، ޤައުމީ މުބާރާތް ނޮވެންބަރ 1 ގައި ފަށަނީ


ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމަށް އެކަށީގެންވާ ވަގުތު ހޯދައިދިނުމުގެ ގޮތުން ޤައުމީ ލީގާއި، ޤައުމީ މުބާރާތް މިއަންނަ މަހުގެ އެއްވަނަ ދުވަހު ފަށާގޮތަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން ނިންމައިފިއެވެ.

އަންހެން އަދި ފިރިހެން ޤައުމީ ލީގާއި ޤައުމީ މުބާރާތް އަވަސްކޮށްފައި މި ވަނީ ސެންޓަލް ޒޯންގެ ވޮލީ މުބާރާތުގެ ތާރީޚަށް އައި ބަދަލާ ގުޅިގެންނެވެ. ބަންގްލަދޭޝްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިން ތާވަލްކޮށްފައިވަނީ ނޮވެންބަރުމަހަށެވެ. ނަމަވެސް ފަހުން މުބާރާތް ޑިސެމްބަރު މަހުގެ ބާވީހުން ތިރީހަށް ވަނީ ތާވަލްކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ސެންޓަލް ޒޯން ވޮލީ މުބާރާތަކީ އަބަދުވެސް ވޮލީއިން ވަރަށް އިސްކަންދޭ މުބާރާތެއްކަމަށާ ކަލަންޑަރުގައި ކުރިއަށް ހުރި މުބާރާތްތަށް އަވަސް ކުރަންޖެހުނީވެސް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުންކަމަށެވެ. ޤައުމީ އަންހެން ފިރިހެން ލީގާއި، ޤައުމީ މުބާރާތް މިހާރު ކުރިއަށްދާނީ އެކުއެކީގައިކަމަށާ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗާއި ފިރިހެން މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑުއެވެ. ލަތީފް ވިދާޅުވީ އެއްވެސް މުބާރާތެއް އުނިކުރުމުގެ ވިސްނުމެއް ނެތްކަމަށާ ކަލަންޑަރުގައި ވާގޮތަށް މުބާރާތްތަށް ކުރިއަށްދާނެކަމަށެވެ.

"މިބަދަލު މިގެނައީ ދިވެހި ޤައުމީ ޓީމް ކުޅެން ޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ޑިސެމްބަރަށް ލަސްވުމާ ގުޅިގެން. ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ސެޑިއުލް އަވަސްކޮށްފައިވާއިރު، ޤައުމީ ޓީމްގެ ފަރިތަކުރުންތަށް 25 ނޮވެންބަރުގައި ފެށިގެންދާނެ. އަދި އެއާއެކު ޤައުމީ ޓީމް ކޭންޕް ކުރުމަށްޓަކައި ޤައުމުން ބޭރަށްވެސް ފުރައިގެންދާ ގޮތަށްވަނީ ހަމަޖެހިފަ." ލަތީފް ވިދާޅުވިއެވެ.

ޤައުމީ ވޮލީ ބޯލް، އަންހެން އަދި ފިރިހެން ލީގުގައި ބައިވެރިވުމަށް މިއަދު ރަސްމީކޮށް އެސޯސިއޭޝަނުން ހުޅުވާލާނެއެވެ. ޤައުމީ ވޮލީ ބޯލް އަންހެން ލީގަށް ކޮލިފައިވެފައިވަނީ 8 ޓީމެވެ. އެއީ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތު ޒޯނުން 2 ޓީމް، ނޯތުން 2 ޓީމް، މާލޭ ޒޯނުން 2 ޓީމް އަދި މިދިޔަ އަހަރު ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމެވެ. ޤައުމީ އަންހެން ވޯލީ ބޯލް މުބާރާތުގައި ކުޅޭނީ 4 ޓީމެވެ. އަދި ޤައުމީ ވޮލީ ބޯލް ފިރިހެން ލީގުގައި ކުޅޭނީ 4 ޓީމެވެ. އަދި ޤައުމީ ވޮލީ މުބާރާތަށް ކޮލިފައިވާނީ 4 ޓީމެވެ.