އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ހިމަނައިގެން އަންނަ މަހު ފަށާ ވޯލްޑްކަޕްގައި ވާދަކުރާ މޮރޮކޯގެ ސްކޮޑް އިއުލާން ކޮށްފި އެވެ.
ހަކީމީ އަށް އަނިޔާވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބަޔާން މިއުނިކް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގަ އެވެ. އެޕްރިލް 28 ގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގަށްފަހު ހަކީމީ މެޗެއް ކުޅެފައެއް ނުވެއެވެ.
ނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް އެ ޓީމު ފަރިތަކުރަމުންދާއިރު މިދިޔަ އަންގާރަ ދުވަހުގެ ފަރިތަކުރުންތަކުގައި ހަކީމީ ވަނީ ބައިވެރިވެފަ އެވެ.
ނިމިގެންދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ކުޅެ 1-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް ސެނެގާލް އިން ތަށި ނެގިނަމަވެސް އެ މެޗުގައި ހިނގާދިޔަ ކަންތައްތައް ބެލުމަށްފަހު އެފްކޮންސް އިން ވަނީ އެ މެޗުން މޮރޮކޯ މޮޅުވި ކަމަށް ނިންމާ އެފްރިކާގެ ޗެމްޕިއަންކަން މޮރޮކޯ އަށް ދީފަ އެވެ.
ފީފާ ވޯލްޑްކަޕްގައި ވާދަކުރާ މޮރޮކޯގެ ސްކޮޑުން މި ފަހަރު ފުރުސަތު ދީފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ނުސެއިރު މަޒްރާއޯއީ, ފުލަމްގެ ޑިފެންޑަރ އިސާ ޑިއޮޕް, ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރ ޗާޑީ ރިއާދް, ސަންޑަލެންޑްގެ މިޑްފީލްޑަރ ޗެމްސްޑިން ތަލްބީގެ އިތުރުން ރެއާލް މެޑްރިޑްގެ ބްރާހިމް ޑިއާޒް ހިމެނެ އެވެ.
މި ފަހަރުގެ ވޯލްޑްކަޕް ސްކޮޑުގައި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ހަކީމް ޒިޔެޗް ހިމެނިފައެއް ނުވެއެވެ.
ދުނިޔޭގެ ރޭންކިންގެ 8 ވަނައިގައި މިވަގުތު އޮތް މޮރޮކޯ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ސެމީ ފައިނަލުން ބަލިވީ ފްރާންސް އަތުންނެވެ.
ވޯލްޑްކަޕްގައި މޮރޮކޯ ހިމެނޭ ގްރޫޕް ސީ ގައި ދެން ހިމެނެނީ ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އާއި ސްކޮޓްލޭންޑްގެ އިތުރުން ހެއިޓީ އެވެ.