ކުޅިވަރު

ބްރެޒިލް ޕްރެކްޓިސް ފަށައިފި، ނޭމާ ހޮސްޕިޓަލަށް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިސް ފަށައިފި އެވެ.

ރިއޯޑިޖެނީރޯގައިވާ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރަސްމީ ޓްރޭނިން ކޮމްޕްލެކްސްގައި ފެށި ފަރިތަކުރުންތަކަށް ހާޒިރުވި ނަމަވެސް ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ނޭމާ ސަންޓޯސް ދިޔައީ އެ ސިޓީގެ ހޮސްޕިޓަލަކަށެވެ. އަމިއްލަ ހެލިކޮޕްޓަރުގައި ޓްރޭނިން ކޭމްޕަށް ހާޒިރުވުމަށް ފަހު އޭނާ ހޮސްޕިޓަލަށް ދިޔައީ ކުޑަކަޅުވާ އަށް ހާނިއްކަވެފައިވާތީވެ ސްކެން ހެދުމަށެވެ.

މީގެ ކުރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ނޭމާ ބުނެފައިވަނީ އޭނާގެ ކުޑަކަޅުވާގެ ތަދު ފިލައިފި ކަމަށެވެ.
"ކޮން މައްސަލައެއް. އެއްވެސް މައްސަލައެއް ނެތް. އަހަރެން މިހުރީ ވޯލްޑް ކަޕް ކުޅެން ތައްޔާރަށް،" ނޭމާ ބުންޏެވެ.

ނަމަވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ޓީމުގެ ފުރަތަމަ ޕްރެކްޓިސްގައި ނެތުމުން އެކަމާ ނޫސްވެރިން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަން ފެށުމުން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެ، ނޭމާ ހޮސްޕިޓަލަށް ދިޔަ ސަބަބުން އޮޅުން ފޮލުވައިދީފަ އެވެ. ބަޔާނުގައި ބުނީ ކުޅުންތެރިޔާގެ ހާލަތު ދެނެގަތުމަށް ޓެސްޓްތަކެއް ކުރަން ނިންމީ ގައުމީ ޓީމުގެ މެޑިކަލް ޓީމުން ކަމަށެވެ.

އިއްޔެގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވަނީ ޗެމްޕިއަންސް ލީގު ފައިނަލަށް ހޮވިފައިވާ އާސެނަލް އާއި ޕީއެސްޖީގެ ހަތަރު ކުޅުންތެރިއެކެވެ. މި ކުޅުންތެރިން ޓީމާ ގުޅޭނީ މާދަމާ ނޫން އަނެއް ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ފަހު އެވެ.