ޚަބަރު

އަތޮޅުތެރޭގައި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް


  • މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓް އިންސްޓޯލްކޮށްފައިވޭ

  • ރިޒޯޓުތަކުގައި 300 މެގަވޮޓް، ރަށްރަށުގައި 30 މެގަވޮޓު ޤާއިމުކޮށްފައިވޭ

  • ރ، ބ، އަތޮޅުގެ 26 ރަށެއްގައި 6.5 މެގަވޮޓު ދަނީ ޤާއިމްކުރަމުން

ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަމުން މުއްސަނދި ޤައުމަކަށް ވީނަމަވެސް، ހަކަތަ އުފެއްދުމަށްޓަކައި މިއަދާ ހަމައަށްވެސް ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ ބޭރުން އިމްޕޯޓްކުރާ ތެލަށެވެ. މިއީ ރާއްޖޭގެ އިޤްތިސާދަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ނަމަވެސް، މި ބަރޯސާވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައަށް މިސްރާބު ޖެހުމަކީ މިއަދު ދައުލަތުގެ އެންމެ މުހިންމު އެއް އަމާޒެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖެއަކީ ހަކަތަ އުފެއްދުމަށް އިންތިހާއަށް ތެލަށް ބަރޯސާވާ ޤައުމެއްކަމަށެވެ. 2025 ވަނަ އަހަރަށް އެކަނި ބެލިނަމަވެސް، ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ ރާއްޖޭގެ ޖީ.ޑީ.ޕީގެ ގާތްގަނޑަކަށް 10 އިންސައްތައެވެ. މި ބޮޑު ހޭދަ ތެލަށް ނުކުރާނަމަ، އެ ފައިސާއަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭނުންކުރެވޭނެ އަގުހުރި ވަސީލަތެކެވެ.

ރާއްޖޭގައި ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު އިންސްޓޯލްކޮށްފައިވާ ކެޕޭސިޓީއަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށަށް 310 މެގަވޮޓް އިންސްޓޯލްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޑީސަލާއި ސޯލާ ހަކަތައެވެ. މީގެ އިތުރުން ރިޒޯޓުތަކުގައި 300 މެގަވޮޓް އަދި އިންޑަސްޓްރިއަލް ރަށްރަށުގައި 30 މެގަވޮޓްގެ ކެޕޭސިޓީ ގާއިމުކޮށްފައިވެއެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ޖުމްލަ އިންސްޓޯލް ކެޕޭސިޓީ 53 މެގަވޮޓުން 110 މެގަވޮޓަށް ވަނީ އިތުރުކޮށްފައެވެ. މިހާރުވެސް 101 ރަށެއްގައި ޖުމްލަ 164 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރަމުން އަންނަކަމަށް ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ހަކަތަ ރައްކާކުރުމަށްޓަކައި 158 މެގަވޮޓްގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ބާރުމިނެއްގައި ދަނީ ކުރަމުންނެވެ.

ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ މާލެ ސަރަހައްދުގެ ހަކަތައިގެ ބޭނުންތަކަށް ހައްލެއް ހޯދުމަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ. އަދި ޕީއެސްއައިޕީގެ ތެރެއިން 150 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

އަތޮޅު ތެރޭގައި ކުރިއަށްދާ ހަކަތައިގެ މަޝްރޫޢުތަަކަށް ބަލާއިރު ރ، އަދި ބ، އަތޮޅުގެ 26 ރަށެއްގައި 6.5 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އަންނަ މަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިމޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުދުއްފުށި، އޭދަފުށި، ހިންނަވަރު، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި 11 މެގަވޮޓްގެ ސޯލާ ސިސްޓަމްތަކުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތްވެސް އަންނަ މަހު ނިމޭނެކަމަށް ވިދާޅުވިއެވެ.

އަދި ކ، އއ، އދ، އަދި ވ އަތޮޅުގެ 23 ރަށެއްގައި 5.88 މެގަވޮޓްގެ ސިސްޓަމްތައް ދަނީ ގާއިމުކުރަމުންނެވެ. މީގެ އިތުރުން 18 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމުގެ ޑިޒައިން ރިވިއު މަރުހަލާ ކުރިއަށްދާއިރު، އިތުރު 13 ރަށެއްގައި 14.5 މެގަވޮޓްގެ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރާނެ ފަރާތެއް ހޯދުމުގެ ޓެންޑަރިންގ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މި އަންނަ ބަދަލަކީ ހަމައެކަނި ތިމާވެށީގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތެއް ނޫނެވެ. މިއީ ދިވެހި އިޤްތިސާދު ބޭރުގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޤައުމުގެ ފައިސާ ޤައުމުގެ ތަރައްޤީއަށް ބޭނުންކުރުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. އަމާޒަކީ މި މަޝްރޫޢުތަކާއެކު ދިވެހިރާއްޖެއަކީ ހަކަތައިގެ ގޮތުން ފުދުންތެރި، ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހެދުންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.