ޚަބަރު

ޖަރުމަނުން ވޯލްޑްކަޕްގެ ތައްޔާރީތައް ފަށައިފި


އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުގެ ފަރިތަކުރުންތައް އެ ޓީމުން ފަށައިފި އެވެ.

ޖަރުމަނުގެ ފަރިތަކުރުންތައް އިއްޔެ ފަށާފައިވާއިރު, ފަސް ވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ ކޯޗު ހޫލިއަން ޖަގެލްސްމަން އޭނާގެ 26 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފައިވާއިރު ޓީމުގައި ހިމެނޭ ކުޅުންތެރިން ވަނީ މިދިޔަ ހަފްތާގައި ޓީމާއި ގުޅިފަ އެވެ.

ޖޫން މަހުގެ ކުރީކޮޅު ޖަރުމަނުން އެމެރިކާއަށް ދިއުމުގެ ކުރިން އެ ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށްވަނީ ނިންމާފަ އެވެ. އެގޮތުން ފިންލޭންޑާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުމަށްފަހު ޖޫން މަހުގެ 6 ވަނަ ދުވަހު އެމެރިކާ އާއި ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗެއް ޖަރުމަނުން ކުޅޭނެ އެވެ.

2023 ވަނަ އަހަރު ޖަރުމަނުގެ ކޯޗު ކަމާއި ހަވާލުވި ނަގެލްސްމަން މިއީ ވޯލްޑްކަޕެއްގައި ޓީމަކަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. ނަމަވެސް 2024 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް އޭނާ ވަނީ ޖަރުމަން ގެންގޮސްދީފަ އެވެ.

2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ ބުރުން ޖަރުމަން ވަނީ ކަޓާފަ އެވެ. އެ ގައުމުން އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ.