މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މީގެ ކުރިން ދަށްވި ނަމަވެސް މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާ ބަލާއިރު 2.6 އިންސައްތަ ވަނީ އިތުރުވެފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވި ދެ މަހުވެސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތައް ކަމަށްވާ ގަތަރު އެއަރވޭސް، އެމިރޭޓްސް، ފްލައި ދުބާއީ، އިއްތިހާދު އެއަރލައިންސް ފަދަ އެއަރލައިންތަކުގެ ދަތުރުތަކަށް ބުރޫ އެރިއެވެ.
އެހެންނަމަވެސް މިހާރު އެ އެއަރލައިންތަކުންވެސް މިވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުންވެސް މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިކަމުގެ ސަބަބުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުުރުވެރިންގެ އަދަދު މިވަނީ އިތުރުވެފައެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 119,468 ފަތުުރުވެރިންނާ އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިދިޔަ ދެ މަހުވެސް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް 4000އެއްހާ ފަތުރުވެރިންނެވެ. އެހެންނަމަވެސް ހަނގުރާމައާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި އެއަރލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
* ޗައިނާ: 141,339 ފަތުރުވެރިން
* ރަޝިއާ: 121,826 ފަތުރުވެރިން
* އިނގިރޭސިވިލާތް: 79,473 ފަތުރުވެރިން
* އިޓަލީވިލާތް: 68,906 ފަތުރުވެރިން
* ޖަރުމަނުވިލާތް: 60,591 ފަތުރުވެރިން
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.