ފަލަސްޠީިނުގެ ޣައްޒާގެ %70 ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔުމަށް ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ. 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ބިމުގެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ޔަހޫދީ ސިފައިންގެ ޙިޞާރުގެ ދަށުގައެވެ. 2025 އޮކްޓޫބަރުގައި ޔަހޫދީންގެ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލި ނަމަވެސް، އަތްގަދަކޮށްފައިވާ ބިންތަކުން ފޭބުމުގެ ބަދަލުގައި ޔަހޫދީ ސިފައިން ދަނީ އެ ސަހަރުގެ އިތުރު ބިންތަކަށް ވެރިވެގަނެ، ޙިޞާރު ފުޅާކުރަމުންނެވެ.
ޙަމަލާ ބަދަލުކުރުމާއި ޤަތުލުޢާންމު މެދުކަނޑައިލުމަށް އެއްބަސްވިއިރު ޣައްޒާގެ %50 އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ. ނަމަވެސް، އަނިޔާވެރި ނަތަންޔާހޫ ބުނީ، އެ ސަހަރުގެ %60 މިހާރު ޔަހޫދީ ސިފައިންގެ އަތްދަށަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ %70 އަށް އަތްގަދަކުރުމަށް އޭނާ ވަނީ ޔަހޫދީ ފައުޖަށް އަމުރުކޮށްފައެވެ. މިއީ، ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ޣައްޒާގެ އިތުރު ބިންތަކަށް ވެރިވެގަންނަމުން ދަނީ ޔަހޫދީ ދައުލަތަަށް ޙަމަލާއެއް ދިނުން ހުއްޓުވުމުގެ ގޮތުން "ބަފަރ ޒޯނެއް" ނުވަތަ ސަރަޙައްދީ ރޮނގެއް ދެމެހެއްޓުމުގެ ގޮތުން ކަމުގައި ޔަހޫދީން ބުނި ނަމަވެސް، މިއީ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ބިންތަކުން މަޖުބޫރުން ބޭރުކުރުވުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މީގެ އިތުރުން، ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ މެދުކަނޑުމެއް ނެތި ޚިލާފުވަމުންނެވެ.
މި ގޮތުން، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް އަމާޒުކޮށް ކަމުގައި ބުނެ، މުސްލިމުންގެ ބަރަކާތްތެރި ޢީދު އަލް-އަޟުޙާއާ ދިމާކޮށް ވެސް ޔަހޫދީ ސިފައިން ވަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެއެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރުގައި ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވި ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 900 އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ އޮފިޝަލުން ހާމަކުރިއެވެ. ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޙާލަތާ ގުޅޭގޮތުން ވާހަކަދެއްކި މީހަކު ބުނީ، އެ ސަހަރުގައި އެއްވެސް މީހަކަށް އެއްވެސް ޙާލެއްގައި ރައްކާތެރިކަމެއް ނެތް ކަމަށާއި، ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާއެއްދީ ޝަހީދުކޮށްލުމުގެ ބިރު އޮތް ކަމުގައެވެ.