ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް، ޔަހޫދީން ލުބްނާނަށް ވަރުގަދަ ޙަމަލާތައްދީ، އިތުރު 8 މީހުން ޝަހީދުކޮށްލުމާ ގުޅިގެން، އދއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހުން ފެށިގެން ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދިޔަ ނަމަވެސް، ޔަހޫދީން ދިޔައީ އެ އެއްބަސްވުމާ ޚިލާފަށް ލުބްނާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ.
އަޟްޙާ އީދު ފާހަގަކުރަމުންދަނިކޮށް، ޔަހޫދީން ދިން ޙަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް އދއިން ވަނީ ބުނެފައެވެ.
ލުބްނާނުގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދިން މި ޙަމަލާތަކާ ގުޅިގެން، ލުބްނާނުގެ އެތަކެއް ހާސް އިތުރު ރައްޔިތުން ގެދޮރު ދޫކުރަން މަޖުބޫރުވެފައިވާކަމަށް ވެސް އދއިން ބުނެފައިވެއެވެ.
އދއިން ބުނީ، މިދިޔަ ބުދަ ދުވަހު 670އަށް ވުރެ ގިނަ ވައިގެ ޙަމަލާ ޔަހޫދީން ދީފައިވާ ކަމަށާއި، މިއީ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ވައިގެ ޙަމަލާތައް ލުބްނާނަށް އަމާޒުކުރި ދުވަސްކަމަށެވެ.
ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާޙިދުންގެ ޖަމާޢަތް، ޙިޒްބުﷲ ނެތިކޮށްލުމުގެ ނަމުގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ފުޅާކުރަން ޔަހޫދީންގެ ނިެރުބަވެރި ދައުލަތުން ވަނީ އަންގައިފައެވެ.
އެކަމަށްޓަކައި، ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއް ހުސްކުރަން ޔަހޫދީން ދަނީ އަންގަމުންނެވެ.
މާޗް 2ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3،200އަށް އަރައިފައެވެ. އެ ޙަމަލާތަކުގައި އިތުރު 9،600 އެއްހާ މީހުން ޒަޚަމްވެ، 1.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.