ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން 20 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވުމާއި ގުޅިގެން އެ ލޯންޗުން ދިޔަ އެންމެން ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:45 ހާއިރު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގާފައިވަނީ ލޯންޗު ފަރަށް އަރައިގެން ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އެވަގުތު ފަތުރުވެރިން ހިމެނޭހެން 20 މީހުން ލޯންޗުގައި ތިއްބެވެ.
މިހާދިސާ ހިނގުމާގުޅިގެން، ސްޕީޑްބޯޓުގެ ވެރިފަރާތުން އެސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާ، ސްޕީޑްބޯޓުގައި ތިބި 20 މީހުން އެ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށް، ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ސްޕީޑްބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އުޅަނދުގެ ވެރިފަރާތާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބަޔަކާއިއެކު ދަތުރުކުރި ލޯންޗެއް ދިޔަވުމުގެ ހާދިސާ އާއި ގުޅޭ ވިޑިއޯއެއްވެސް މީސްމީޑިއާގައި ވަނީ ދައުރުވާން ފާށާފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުޤީޤުކުރަމުންދާ ކަމަށެވެ.