ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 370 އެއްހާ އެނދު ޤާއިމުކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ކުށްވެރިން އެކަހެރިކޮށް ބެހެއްޓުމަށްޓަކައި 3 ޖަލު ހުންނައިރު، ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ މައްސަލައެވެ. ޖަލުތަކުގެ ކޮންސެޕްޓަށް ތަރައްޤީކުރެވިގެން ރާއްޖޭގައި ޖަލެއް ޤާއިމުކުރެވުނީ ހަމައެކަނި މާލޭގައެވެ. އެހެންނަމަވެސް ސްކޫލަކާއި އިންވެގެން ހުރުމާއެކު ސަރުކާރުންވަނީ އެޖަލު ހުޅުމާލެއަށް ބަދަލުކޮށްފައެވެ. މިއާއެކުވެސް ޖާގައިގެ ދަތިކަމަށް ހައްލެއް ނާދެއެވެ. ދާދިފަހުން ހުޅުމާލެގައި ކުރިން ކޯވިޑް ސެންޓަރަކަށް ބޭނުންކުރަމުންދިޔަ ބިމުގައިވެސް ހުޅުމާލެ ޖަލުގެ ޔުނިޓެއް ވަނީ ހުޅުވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކަށް ޖާގައިގެ ދަތިކަން ބޮޑުކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ މިދައުރުގެ ތެރޭގައި ޖާގައ 500 އެނދަށް އިތުރުކުރުމަކީ އަމާޒެއްކަމަށެވެ.
"އަޅުގަނޑުމެނަށް މިހާރު 370 އެއްހާ ބެޑް ކެޕޭސިޓީ އިތުރުކޮށްފައި، އެއާއެކު އަޅުގަނޑުމެން މިހާރު ހުޅުމާލޭ ޖަލުގައިވެސް ހޯލްޑިންގ ޖަލުގެ ސެލްތަކާއި، މާލޭ ޖަލުގެ ބަދަލުގައި ސަރުކާރުން ދެއްވާފައިވާ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި 140 މީހުންގެ ޖާގައިގެ ޔުނިޓެއް ހެދުމުގެ މަސައްކަތް އެބަކުރަން." ޙަސަން ޒަރީރު ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ރާއްޖޭގައި ޖަލުތަކުގައި އެކަށިގެންވާ ގޮތެއްގައި ޤައިދީން ވަކިކޮށްގެން ބެލެހެއްޓޭނެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ޖާގަވެސް ނެތްކަމަށެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންވެސް ބައިތިއްބަންޖެހެނީ އެއްތަނެއްގައިކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިގު މުއްދަތުގެ ހުކުމްތައް ތަންފީޒުކުރާ މީހުންނަށް ޚާއްސަ ޖަލު ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވަނީ، "ވަން ޕްރިޒަން ކޮންސެޕްޓް"ގެ ދަށުން ހުރިހާ ޚިދުމަތް ލިބޭނެ ގޮތައް ސެންޓްރަލް ޖަލެއް ތަރައްޤީކުރެވިގެންނެވެ. މިމަސައްކަތް ކުރިއަށްދާއިރު މީހުން ދިރިއުޅޭ، ވަކިން ޚާއްސަކޮށް ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރަމުންދާ 2 ރަށެއްގައި ޖަލު ޤާއިމުކޮށްފައި ހުރުމަކީ ސަރުކާރާއި އާންމުންގެވެސް އޮތް ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ގެނައުމަށް އުތުރު ތިލަފަޅުގައި ޖަލެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަސައްވުރެވެ.