ޚަބަރު

މިލްނާ 24 އަހަރަށްފަހު ކުޅުން ހުއްޓާލައިފި


އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ ޖޭމްސް މިލްނާ 24 އަހަރަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 40 އަހަރުގެ މިލްނާ އިއްޔެ އޭނާގެ ސޯޝަލް މީޑިޔާގައި ބުނެފައިވަނީ ހަނދާނުން ފޮހެލަން އުނދަގޫ ކިތަންމެ ދުވަސްތަކަކަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

"އަހަރެން ވަނީ ހަނދާނުން ފޮހެލާނެ އެތައް ދުވަހެއް ތަޖުރިބާކޮށްފަ ގައުމީ ޓީމުގަ އާއި ކްލަބްތަކުގައި. ފުޓްބޯޅައިން އަހަރެންނަށް ވަނީ ގިނަ އެކުވެރިންތަކެއް ލިބި ގިނަ ތަޖުރިބާތަކެއް ކުރެވިފަ. ނަމަވެސް މި އުނދަގޫ ދަތުރަށް ނިމުން ގެންނަން މިއީ އެންމެ ރަގަޅު ވަގުތުކަމަށް ދެކެން." މިލްނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފު މިދިޔަ ފެބްރުއަރީ މަހު ހޯދާފައިވާ މިލްނާ ޕްރިމިއާ ލީގުގައި ފުރަތަމަ ކުޅެފައިވަނީ ލީޑްސް އާއިއެކުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްގެ އިތުރުން އެސްޓަން ވިލާ އަށްވެސް ކުޅެފަ އެވެ.

މެންޗެސްޓަރ ސިޓީ އާއިއެކު ޕްރިމިއާ ލީގު ދެ ފަހަރު ހޯދާފައިވާއިރު ލިވަޕޫލް އާއިއެކު ވަނީ އެއް ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް އޭނާ ވަނީ ދެ ވޯލްޑްކަޕްގެ އިތުރުން 2 ޔޫރޯގައި ކުޅެފައިވާއިރު ޖުމްލަ 61 މެޗު ގައުމީ ޓީމަށް ވަނީ ކުޅެފަ އެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައި އޭނާ ކުޅެފައިވަނީ ޕްރިމިއާ ލީގުގެ ކްލަބް ބްރައިޓަން އަށެވެ.