ސްޕެއިން އާއި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ރޮޑްރީގެ މުސްތަގުބަލާއިމެދު ގޮތެއް ނިންމާނީ ވޯލްޑްކަޕަށްފަހުގައި ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 29 އަހަރުގެ ރޮޑްރީ މެންޗެސްޓަރ ސިޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އަދި އެބައޮތެވެ. ނަމަވެސް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ރައީސް ކަމަށް ވާދަކުރާ އެންރީކޭ ރިކެލްމޭ އިންތިހާބު ކާމިޔާބުކޮށްފިނަމަ ރޮޑްރީ ރެއާލް މެޑްރިޑަށް ގެންދާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ސްޕެއިންގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮޑްރީ ބުނެފައިވަނީ އޭނާގެ މުސްތަގުބަލާއި ގުޅޭ ގޮތުން މިވަގުތު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.
"ކުރިއަށް މިއޮތީ ވޯލްޑްކަޕް އެހެންކަމުން މިވަގުތު އަހަރެންގެ މުސްތަގުބަލާއިމެދު ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. މި ވަގުތު ހުރިހާ ވިސްނުމެއް ހުރީ ވޯލްޑްކަޕަށް. ވޯލްޑްކަޕަށް ފަހު އަހަރެންގެ މުސްތަގުބަލާއިމެދު ގޮތެއް ނިންމާނަން." ރޮޑްރީ ބުންޏެވެ.
2024 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮޑްރީ އަށް އެ އަހަރުގެ ސެޕްޓެމްބަރ މަހު ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ.