ގައުމީ ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅިވަރުގެ ރޫހަކީ ކޯޗަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާ، ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ ކާމިޔާބަށް ވާސިލްވުމަށް ގަދައަޅާ ކުރަމުންދާ މަސައްކަތްކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް އިސްތަވާން އުރްބާނީ ބުނެފިއެވެ.
ގައުމީ ކޯޗު މިހެން ބުނެފަވަނީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
އަފްޣާނިސްތާނާ ދެކޮޅަށް ކުޅެ މިމެޗުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް ކުޅުންތެރިން މާޔޫސްނުވާކަމަށާއި ކާމިޔާބަށް ވާސިލްވުމުގެ ރޫހު ޓީމުގައި އެބައޮތްކަމަށް ކޯޗުވަނީ ބުނެފައެވެ. ޓީމުގެ ފަރާތުން ފެންނަ މިފަދަ ޕޮޒިޓިވް ސިފަތަކަކީ ކޯޗަށް ލިބޭ އިތުރު ހިތްވަރެއްކަމަށް ކޯޗު ފާހަގަކުރިއިރު، މެޗުގައި ރާއްޖެއިން ދެއްކި ކުޅުން ގޯސް ނޫންކަމަށް ކޯޗު ބުންޏެވެ.
"ކުޅުންތެރިންގެ ފަރާތުން އަހަންނަށް ފެނުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފައިނަލުގައި ކުޅެވޭނެގޮތަކާމެދު ޓީމުގެ މެދުގައި ކުރެވެމުންދާ މަޝްވަރާތައް. ކާމިޔާބު ހޯދުމުގެ ރޫހުގެ ޓީމުގައި އޮތްކަން. އަމާޒެއް ކަނޑައަޅާ އެކަމަށް ކުޅުންތެރިން ކުރަމުންދާ މަސައްކަތް" ކުޅުންތެރިންނަށް ތައުރީފްކުރަމުން ކޯޗް ބުންޏެވެ.
މިމުބާރާތުގައި ވާދަކުރާ ޓީމުތަކުން ދައްކަމުންދާ ކުޅުމުގެ ކޮލިޓީ ރަނގަޅުކަން އުރްބާނީ ފާހަގަކުރިއެވެ. ފުޓުބޯޅައިގައި ވަރުގަދަ ޓީމެއް ނޯންނާނެކަމަށް އުރްބާނީ ގަބޫލުކުރާއިރު، ކޮންމެ ޓީމެއް ޚާއްސަވަނީ އެކި ސިފަތަކުގެ މައްޗަށްކަމަށް އޭނާ ބުންޏެވެ. އެގޮތުން އަފްޣާން ޓީމުގެ ކުޅުން ރަނގަޅަސް، ބަނގްލަދޭޝްގެ ޓީމުގެ ފަރާތުން އިތުރު ކޮލިޓީތަކެއް ފާހަގަވިކަމަށް އޭނާ ބުންޏެވެ.
އެޓީމަކީ ޔޫރަޕްގެ ތަޖުރިބާތައްވެސް ހޯދާފައިވާ ޓީމަކަށްވުމަކީ ކުޅުންތެރިންގެ ކޮލިޓީ އިތުރުވުމުގެ ސަބަބެއްކަމަށް އޭނާ ފާހަގަކުރިއެވެ. ޓީމެއްގެ ވަރުގަދަކަމާ ކޮލިޓީ ބިނާވަނީ ލިބެ ތަޖުރިބާތަކުންކަމަށް އުރްބާނީ ފާހަގަކުރިއެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ދެން ނުކުންނާނީ މިމަހުގެ 4 ވަނަ ދުވަހު ފާކިސްތާނާދެކޮޅަށެވެ. ކުރިއަށް ހުރި މެޗުތަކަށް ވިސްނާއިރު، ޓީމުގެ ކުރިއެރުމަށް ކުރަންޖެހޭ އިތުރު ކަންކަންކޮށް ކާމިޔާބަށް ވާސިލްވުމަށް މަސައްކަތްކުރާނެކަމަށް ކޯޗް ބުންޏެވެ. އެގޮތުން ކުޅުންތެރިންގެ ކުޅުމުގެ ސްޓައިލްތައް އިތުރަށް ރަނގަޅުކޮށް، ހެދޭ ގޯސްތަކަށް ވިސްނާ ޕްރެކްޓިސްތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޔަގީންކަން ކޯޗުވަނީ ސަޕޯޓަރުންނަށްދީފައެވެ.
"ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަމޭ އެއީ ކޮންމެ މީހަކުވެސް ބުނާ ވާހަކައެއް. އެހެންނަމަވެސް އަހަރެން ބުނާނީ ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނަމޭ. ޕްރެކްޓިސްތައް އިތުރަށް ވަރުގަދަކޮށް، ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި އިތުރަށް ރަނގަޅުކޮށް، ވަކިވަކި ކުޅުންތެރިން ދެނެގަތުން އަދިވެސް އޮތީ" ކޯޗް ބުންޏެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 4 ވަނަ ދުވަހުގެ ހަވީރެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ އެމެޗަށްފަހު ރާއްޖެއިން ދެން ނުކުންނާނީ 7 ވަނަ ދުވަހުގެރޭ ޕާކިސްތާނާދެކޮޅަށެވެ. ރާއްޖެ ހިމެނޭހެން ޕާކިސްތާނު އަފްޣާނިސްތާނު އަދި ބަނގްލަދޭޝް ވާދަކުރާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 10 ވަނަ ދުވަހުއެވެ.