ޚަބަރު

މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި 3 ޑިންގީ އަނދައިފި


  • އަލިފާން ރޯވެފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 23:09 އެހައިކަންހާއިރު

  • ގިނަ ތަކެއްޗައް ވަނީ ގެއްލުންވެފައި

ށ. މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މިލަންދޫ ފައިބަރުގެ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ ރޭ 23:09 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރުކަމަށް ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ. އެހެން ނަމަވެސް ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.