ޚަބަރު

ތުރާކުނުގައި ސަރުކާރުން ބިނާކުރާ އައު މިސްކިތުގެ މަސަައްކަތް ނިމެނީ


  • ކޮންކްރީޓު މަސައްކަތްތަކުގެ %95 މަސައްކަތް ވަނީ ނިމިފައި

  • މިމިސްކިތުގެ ޖުމްލަ 88 % އިންސައްތަ މަސައްކަތް ވަނީ ނިމިފަ

ހއ. ތުރާކުނު އައު މިސްކިތުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަަޝްރޫޢު ހިންގާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ, އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ ތުރާކުނުގައި އިމާރާތްކުރުމުގެ މަސައްކަތްކުރިއަށްދާ، އައު މިސްކިތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ކޮންކްރީޓު މަސައްކަތްތަކުގެ 95 އިންސައްތަ ވަނީ ނިމިފައިކަމަށެވެ. އެހެން ކަމުން ކުރިޔަށް ދެން ފެށިގެންދާނީ މިސްކިތުގެ އެންމެފަހުގެ މަސައްކަތްތަކެވެ.

ތުރާކުނުގައި ބިނާކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި އިމާރާތުގެ ބޮޑުމިނަކީ 240 އަކަމީޓަރެވެ. މަސައްކަތުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، މިސްކިތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއްގެ 95 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. އަދި މިމިސްކިތަކީ 2 ޖިންސުގެ މީހުނަށްވެސް ނަމާދުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކުގައި ކަމަށްވެސް އެމްޓީސީން މައުލޫމާތުދެއްވައެވެ.

ދިހަ މިލިއަން ތިންލައްކަ އަށްޑިހަ ހަތަރު ހާހަށް ވުރެގިނަ ރުފިޔާ ޙަރަދުކޮށްގެން ކުރިޔަށްގެންދާ މި މާޝްރޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުންނެވެ. މި މިސްކިތުގެ މަސައްކަތް ނިމުމުން ތުރާކުނުގެ ރައްޔިތުންނަށް ނަމާދުކުރުމަށް ޒަމާނީ އަދި ޖާގަ ތަނަވަސް މާހައުލެއް ލިބިގެންދާނެއެވެ. އެމްޓީސީސީން އަންނަނީ މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް ބާރުދުވެލީގައި މަސައްކަތް ކުރަމުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 4 ސެޕްޓެމްބަރު 2023ގައެވެ.