ޚަބަރު

މޭ މަހު ފަތުރުވެރިންގެ އައި ނިސްބަތަށް %3 އިތުރުވުމެއް


  • މޭ މަހު ރާއްޖެއަށް 139،746 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • އަހަރުގެ މިހާތަނަށް 966،358 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

މިދިޔަ މޭ މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މޭ މަހު ރާއްޖެއަށް ޖުމްލަ 139،746 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 135،614 ފަތުރުވެރިންނެވެ. މިއީ 3 އިންސައްތައިގެ ކުރިއެރުމެކެވެ. މޭއި މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6100 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މޭއި މަހު އައި ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް އަހަރުގެ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިން އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާއި އަޅާބަލާއިރު މިއަހަރު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަސް މަހު 966،358 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަހަރު ފުރަތަމަ ފަސް މަހު ޒިޔާރަތްކޮށްފައިވަނީ 921،115 ފަތުރުވެރިންނެވެ. މިއީ 4.7 އިންސައްތައިގެ ދަށްވުމެކެވެ.

އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މެދުއިރުމަތިން ރާއްޖެ އަންނަ ފްލައިޓުތައް މެދެކެނޑުމާއި ގުޅިގެންނެވެ. މިހާރު ބައެއް އެއަރލައިންތައް މަޑުމަޑުން އަލުން ދަތުރުތައް ފަށާފައިވީނަމަވެސް އެޕްރީލް އަދި މާރިޗު މަހު ހަނގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވެއެވެ.

އެޕްރީލް މަހު ރާއްޖެ އައި ފަތުރުވެރިން ނިސްބަތުން އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 25.5 އިންސައްތައިން ދަށްވެފައިވެއެވެ. އަދި މާރިޗު މަހު މިއަދަދު 20.7 އިންސައްތައިން ދަށްވެފައިވެއެވެ.

ސަރުކާރުން ވަނީ މިކަން ހައްލު ކުރުމަށް ރާއްޖެއަށް އެހެން މަންޒިލްތަކުން ފަތުރުވެރިން ގެނައުމަށް މަސައްކަތް ފަށާފައެވެ. އަދި އަރު ރޫޓުތަކުގެ ދަތުރުތައް ފަށައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަން އިޔާދަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފަތުރުވެރިންގެ އަދަދުތައް ދަށްވިނަމަވެސް ރާއްޖެގެ ފަތުރުވެރިކަމުގެ ބޮޑު މާކެޓުތަކުން ގިނަ އަދަދަކަށް ރައްޖެއަށް ފަތުވެރިން ދަނީ ޒިޔާރަތްކުރަމުންނެވެ. މިގޮތުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޗައިނާ މާކެޓުން 143,917 ފަތުވެރިން އަހަރުގެ މިހާތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ. ރަޝިއާ މާކެޓުން 125,096 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިހާތަނަށް ލައްކައަށްވުރެ ގިނަ މީހުން އައިސްފައިވާ ދެ މާކެޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ މާކެޓުން 80،323 ފަތުރުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު ދަށްވިނަމަވެސް ރާއްޖެއިން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުތައް ރިވިއު ކުރާނީ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.