މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ގަލްފުގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ބަންދުކުރަންޖެހުމުގެ ސަބަބުން، ސޫރިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރާ މިންވަރު އެތައް ގުނައަކުން އިތުރުވެއްޖެއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ދަހަރަކަށް ވުރެ ގިނަ ދުވަހު، އެއާލައިންތަކުން އެ ޤައުމުގެ ވައިގެ ސަރަޙައްދު ބޭނުންކުރަން ފަސްޖެހިފައި އޮތުމަށްފަހު، މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ސޫރިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިގޮތުން، މިދިޔަ މެއި މަހުގެ ތެރޭގައި 11،801 މަތިންދާބޯޓު، ސޫރިޔާގެ ވައިގެ ސަރަޙައްދުން ވަނީ ދަތުރުކޮށްފައެވެ. މިއީ ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނުއިރު ހުރި 4،267 އާ އަޅާބަލާއިރު، 375 ދެ ގުނައަށް ވުރެ އިތުރު އަދަދެކެވެ.
އަދި މިއީ މިދިޔަ އަހަރުގެ މެއި މަހު ރެކޯޑުކުރެވިފައިވާ އަދަދާ ބަލާއިރު، 375 އިންސައްތައިގެ އިތުރުވުމެކެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ 14 އަހަރުގެ ވެރިކަން 2024ވަނަ އަހަރުގެ ތެރޭގައި ނިމުމާ ހަމައަށް ގިނަ އެއާލައިންތަކުން ސޫރިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރަން ތިބީ ފަސްޖެހިފައެވެ.
ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސޫރިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރަން އެއާލައިންތަކަށް މަޖުބޫރުވެފައިވާތީ، ސޫރިޔާގެ އައު ސަރުކާރުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް އެއާލައިންތަކުން ނަގާ ފީ ވެސް ބޮޑުކޮށްފައެވެ.
މިގޮތުން، ކޮންމެ ދަތުރަކުން ނަގާ 499 އެމެރިކާ ޑޮލަރުގެ ފީ އާއެކު، މިދިޔަ މަހު އެކަނިވެސް ސޫރިޔާ ސަރުކާރަށް 5.9 މިލިއަން އެމެރިކާގެ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް ރޮއިޓަރސް ނޫހުން ވަނީ ލަފާކޮށްފައެވެ.